ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތުން އެއް ބިލިއަން ރުފިޔާ ދައްކައިފި

ދައުލަތުން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް މިހާތަނަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ ސަރުކާރުން ކުންފުނިތަކަށާއި މީހުންނަށް ބަދަލުގެ ގޮތުގައި ފައިސާ ދޭންޖެހުނީ ކުރީގެ ސަރުކާރުގެ ކޮންޓްރެކްޓްތައް ހިންގާފައި ހުރި ދޯދިޔާ ގޮތުގެ ސަބަބުން ކަމަށެވެ.
އަމީރު ވިދާޅުވި ގޮތުގައި އާބިޓްރޭޝަން މައްސަލަތަކަށް އާބިޓްރޭޝަން އެވޯޑު މިހާރު ވަނީ ދައްކައި ހަލާސްކޮށްފަ އެވެ.
އޭގެތެރެއިން އަމީރު ފާހަގަ ކުރެއްވި އެއް ކަމަކީ ރާއްޖޭގައި ބޯޑަ ކޮންޓްރޯލް ސިސްޓަމެއް ގާއިމްކުރަން ވީ އެއްބަސްވުން އުވާލުމުން މެލޭޝިއާގެ ނެކްސްބިޒަށް ދިވެހި ސަރުކާރުން ދެއްކި 18.1 މިލިއަން ޑޮލަރު (280 މިލިއަަން ރުފިޔާ) އެވެ. އެ ފައިސާ ސަރުކާރުން ދެއްކީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
Nexbis ah dhahkan jehey 18 million dollar sarukaarun dhahkaifi
Mihaaru
މީގެއިތުރުން ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ) ދައްކާފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އެ ފައިސާ ދެއްކީ މިދިޔަ ޖުލައި މަހު އެވެ.
އޭގެ އިތުރުން އަމީރު ވިދާޅުވި ގޮތުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމާ ގުޅިގެން މި ސަރުކާރުން 26.1 މިލިއަން ރުފިޔާ ވަނީ ދައްކައިފަ އެވެ. އެ ފައިސާ ދައްކަން ޖެހުނީ ކުރީގެ ސަރުކާރުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ނުދައްކާ ހުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Villa ge WLT ah dhaulathun 130 million rufiyaa dhakkaifi
Mihaaru
"މިހާތަނަށް ލިކުއިޑޭޝަންގައި އެމްއާރުޑީސީ އޮތީ. އޭގެތެރޭގައި ކުރީގެ ސަރުކާރުތަކުން އެމްއާރުޑީސީ ލައްވައި މަސައްކަތްތައް ކޮށްފައި ކޮންޓްރެކްޓުންނަށް ފައިސާ ނުދައްކާ ހުރީމަ، ކުރެވިފައި ހުރި މަސައްކަތަކަށް ވާތީ އަޅުގަނޑުމެން އެބަޖެހޭ ކޮންމެ ގޮތަކަށް ވެސް އެ މަސައްކަތަށް ފައިސާ ދައްކަން،" އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެ އަށް ދިމާވި ސުނާމީ ކާރިސާއާ ގުޅިގެން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު މާފުކުރުމަށް ނިންމާފައިވާ ކަމަށެވެ. ސަރުކާރުގެ އެ ވައުދާ އެއްގޮތަށް ލޯންތަކުގެ ގޮތުގައި ގާތްގަނޑަކަށް 15.2 މިލިއަން ރުފިޔާ މާފުކޮށްފައިވާ ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
Kanfaiy beeruvi massalaigai 7 million dheyn Supreme court in hukum koffi
Mihaaru
މީގެއިތުރުން ކުޑަކުއްޖަކަށް ހޮސްޕިޓަލަކުން ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ދެ ކަންފަތުގެ އިވުން ދާއިމީކޮށް ގެއްލުނު މައްސަލާގައި ޑޮކްޓަރުން އިހުމާލުވިކަން ސާބިތުވެ، ބަދަލަށް ހަތް މިލިއަން ދައްކަން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ވަނީކޮށްފަ އެވެ. އަމީރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ކުޑަ ކުއްޖާ އަށް ދޭން ޖެހުނު 7.1 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކެއްގައި ފްލެޓު އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް ކުންފުންޏާއެކު ހެދި އެއްބަސްވުން ބާތިލުކުރި އިރު، އެ ކުންފުންޏާއެކު ހެދި ސެޓްލްމެންޓް އެގްރިމެންޓަށް ވެސް ފައިސާ ދައްކާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. ނަމަވެސް އެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.
ދައުލަތުން ގަވައިދާ ހިލާފަށް އެގްރިމަންޓްތައް ބާތިލް ކުރުމުގެ މައްސަލަތަކުގައި ކުންފުނިތަކަށް ދޭން ޖެހޭ ބަދަލު 6.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ