މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލު ބަންދުގައި ބަހައްޓާފައި ހުންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ބަންދުކޮށްފައި ބެހެއްޓި ތަނުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ، މއ. ކާމިނީ ހުޅަނގުގެ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުކުމް ތަންފީޒު ކުރަމުން ގެންދަނީ ކުރީ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބްދުލްގައްޔޫމް "ނުހައްގުން" ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެތަނުގައި ކަމަށެވެ.
އިމްރާން މިފަދައިން ބުނެފައިވާ ހޯމް މިނިސްޓްރީން ވަނީ ދާދި ދެންމެއަކު މިކަމާއި ގުޅިގެން ބަޔާނެއްވެސް ނެރެފައެވެ. ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމް ޖަލުގެ ހާލަތާއި ގުޅިގެން މިހާތަނަށް އެއްވެސް ޝަކުވާއެއް ކޮށްފައި ނުވާ ކަމަށެވެ.
ނޫސްބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ގައިދީންނަށް ކަށަވަރު ކޮށްދޭންޖެހޭ އަސާސީ، އަދި އިންސާނީ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް
ރައީސް ޔާމީނަށް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމައަށް ފޯރުކޮށްދެމުންދާ ކަމަށެވެ.
"މީޑިއާގައި ފެތުރެމުންދާފަދަ އެއްވެސް ކަމަކާ ގުޅޭ ޝަކުވާއެއް މިހާތަނަށް، ދެންނެވުނު ގައިދީގެ ފަރާތުންވިޔަސް، އޭނާގެ ވަކީލުންގެ ފަރާތުން ވިޔަސް އަދި އޭނާގެ އާއިލާގެ ފަރާތުންވިޔަސް އުފުލާފައި ނުވާކަމުގައި ދަންނަވަމެވެ،" ހޯމް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ހޯމް މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 30ވަނަ ދުވަހު ހޯމް މިނިސްޓަރުގެ އިރުޝާދުގެ ދަށުން އިނިސްޕެކްޓަރު އޮފް ކަރެކްޝަން ސާވިސް މާފުށީ ޖަލަށް ޒިޔާރަތްކުރައްވާ ކުރިޔަށް ގެންދެވި އިނިސްޕެކްޝަންގެ ހަވާސާގައި ދެންނެވިފައިވާ ގައިދީއާ ބައްދަލުކުރައްވާ ރައީސް ޔާމީންގެ ހާލަތު ބައްލަވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ޔާމީންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުވާފައިވާ ކަމަށްވެސް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގައިވެސް މީޑިޔާގައި ދައުރުވަމުންދާ ފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. ސަރުކާރުގެ ސިޔާސަތަކީ ޖަލުގެ ހާލަތު ރަނގަޅުކޮށް ގައިދީންނާއި ބަންދު މީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރެވޭ މީހުން އިސްލާހުކޮށް ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުން ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް ޔާމީން ހުންނަވަނީ ނަޝީދާއި މައުމޫން ހުންނެވި ތަނުގައި: އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ