އައިއޯއައިޖީ ބިޑަށް ތާއީދު ހޯދުމަށް ދެ ވަޒީރަކު މެމްބަރު ގައުމުތަކަށް

ދެހާސް ތޭވީސް ވަނަ އަހަރު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ދެ މިނިސްޓަރަކު ގޭމްސްގައި ބައިވެރިވާ ގައުމުތަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ޚާއްސަ މަންދޫބުންގެ ގޮތުގައި މި ދަތުރުގައި ބައިވެރިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް އެވެ.
‎މި ދަތުރުފުޅުގައި ދެވަޒީރުން ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިއަހަރުގެ ގޭމްސް އޮންނަ މޮރިޝަސް އާއި 2015 ވަނަ އަހަރުގެ ގޭމްސް ބޭއްވި ސީޝެލްސްގެ އިތުރުން ކޮމޮރޯސްއަށެވެ. މި ދަތުރުފުޅުގައި ސީޝަލްސްގެ ރައީސްގެ އިތުރުން ކޮމޮރޯސް އަދި މޮރިޝަސްގެ ބޮޑުވަޒީރުންނާއި ދެ ވަޒީރުން ބައްދަލުކުރައްވައި ރާއްޖޭގެ ބިޑަށް ތާޢީދު ހޯއްދެވުމަށް މަސައްކަތްކުރައްވާނެ އެވެ.
މީގެއިތުރުން އެ ގައުމުތަކުގެ ފޮރިން މިނިސްޓަރުން އަދި ސްޕޯޓްސް މިނިސްޓަރުންނާއި ވެސް މި ދެ ބޭފުޅުން ބައްދަލުކުރައްވާނެއެވެ.
އައިއޯއައިޖީގެ ކައުންސިލްއިން ދާދިފަހުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް ދިވެހި ސަރުކާރާއި މޯލްޑިވްްސް އޮލިމްޕިކް ކޮމެޓީއާ ބައްދަލުކޮށް ރާއްޖޭގައި ހުރި ކުޅިވަރު ވަސީލަތްތައް ބައްލަވާލައްވާފައެވެ. މީގެއިތުރުން ރާއްޖެއަށް ބިޑު ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ކައުންސިލް މެމްބަރުން ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު މަޙްލޫފް ވިދާޅުވީ ބިޑު ކާމިޔާބުުވުމުގެ އުއްމީދު ބޮޑު ކަމަށާއި ބިޑު ކާމިޔާބުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ