ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން އެނގުނީ މިރޭ އެމަނިކުފާނު ސިއްހީ ފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތްތަނުންނެވެ.
އެކަން ގާސިމް އިބްރާހިމްގެ އާއިލާގެ ބޭފުޅުން ވަނީ ޔަގީންކޮށްދެއްވާފައެވެ.
ގާސިމް އިބްރާހިމް ސިންގަޕޫރަށް ވަޑައިގަތުމަށް ނިންމެވީ މިއަދު ހިތްޕުޅުގެ އާލާސްކަންފުޅަކަށް މެޑިކާ ހޮސްޕިޓަލްގައި އެދުމަތިކުރެވި، އިތުރު ފަރުވާ ހޯއްދެވުމަށްކަމަށް އާއިލާއިން ބުނެއެވެ.
ނަމަވެސް ގާސިމް އިބްރާހިމް މިރޭ އެއާޕޯޓަށް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް އަންގާފައިވާކަމަށާ އެހެންކަމުން އެމަނިކުފާނަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވޭގޮތް ވެފައިނުވާކަމަށް އާއިލާއިން ބުނެއެވެ.
އެހެންކަމުން މިވަގުތު ގާސިމް އިބްރާހިމް މާލެ ވަޑައިގެން އޭޑީކޭ ހޮސްޕިޓަލުން ގެންގޮސް އަލުން ފަރުވާ ހޯއްދަވަން ފައްޓަވާފައިވާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ގާސިމް އިބްރާހިމަކީ ކުށްވެރިއެއް ނޫންކަމަށާ އެމަނިކުފާނުގެ ޕާސްޕޯޓް މިގޮތަށް ހިފެހެއްޓުމަކީ ކަންބޮޑުވެ ހިތާމަކުރައްވާކަމެއްކަމަށެވެ.
އަދި ގާސިމް އިބްރާހިމްގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓުން އަމުރުނެރެފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްކަމަށްކަމަށް މައުލޫމާތު ލިބިފައިވާކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ސަރުކާރުން ބައެއް ފަރާތްތަކާއި ދޭތެރޭގައި އަމަލުކުރަމުންދަނީ އިންސާނީ އުސޫލުތަކުގެ ބޭރުންކަމަށާ އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި ގާސިމް އިބްރާހިމްގެ މައްޗަށް ހިންގޭ ޝަރީއަތަށް އެމަނިކުފާނު ދަނީ ފުރިހަމައަށް އެއްބާރުލުން ދެއްވަމުންކަމަށާ އެމަނިކުފާނަކީ ދުވަހަކުވެސް ފިއްލަވައިގެން އުޅުއްވާނެ ބޭފުޅެއް ނޫންކަމަށެވެ.
ގާސިމް އިބްރާހިމް މިއަދު މެޑިކާ ހޮސްޕިޓަލްގައި އެދުމަތިކޮށްފައިވަނީ ނޭވާލުމަށް ދަތިތަކެއް ދިމާވެ މެއަށް އުނދަގޫވާތީ ޑޮކްޓަރަށް ދެއްކެވުމަށް ވަޑައިގަތުމުންންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ