ވައިރަސް ފެނިފައި ނުވާ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވެން ވާނެ: އިދިކޮޅު

ކޮވިޑް-19 ފެނިފައި ނުވާ ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މި ރަމަޟާން މަސް ނިމިގެންދާއިރު ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި، ތަރާވީސް ނަމާދު ކުރުމާއި، އަދި ދަމު ނަމާދު ފަދަ ކަންކަން ކުރުމަށް ހުރަސްއެޅިފައިވުމަކީ އެ ކޯލިޝަނުގެ ކަންބޮޑުވުމެއް ކަމަށެވެ. އަދި ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީވެސް ދިވެހީންނަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށް އެ ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
ރަމަޟާން މަހުގެ ފަހު 10ގައިވެސް މިސްކިތްތައް ބަންދުކޮށްފައި ހުރުމަކީ އިސްލާމް ދީނަށް ލޯބި ކުރާ އެތައް ބައެއްގެ ކަންބޮޑުވުމެއް ކަމަށް އެ ކޯލިޝަނުން ބުންޏެވެ. އެ ކޯލިޝަނުން ވަނީ ފަހު 10ގައި ނަމަވެސް، މީހުންނަށް ނަމާދު ކުރެވޭނެހެން މިސްކިތްތައް ހުޅުވާލަން ގޮވާލައިފައެވެ.
ކޮވިޑް-19 ނުފެތުރޭ ރަށްރަށުގެ މިސްކިތްތައް ހުޅުވާލައި މިސްކިތްތަކުގައި ހޭލުންތެރިކަން ފަތުރަން މައުލޫމާތު ލިބޭނެ ގޮތް ހަދައި، ސާފުތާހިރުވުމަށް ބޭނުންވާނެ ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް މިސްކިތްތަކުގައި އެޅުމަށްވެސް އެ ކޯލިޝަނުން ގޮވާލިއެވެ.
ކޮވިޑް-19 ފެތުރިޔަ ނުދިނުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އާންމުން އެއްވެ އުޅުން މަނާ ކުރުމާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މަނާ ކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ