ޕާކިސްތާނުގެ ރޭލެއްގައި ދިން ޖާނުންފިދާވުުމުގެ ހަމަލާއެއްގައި 24 މީހުން މަރުވެއްޖެ
ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ވެރިރަށް ކުއެޓާގައި ސިފައިންނާއެކު ދަތުރުކުރި ރޭލަކަށް ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 24 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ. ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބަލޫޗިސްތާން ލިބަރޭޝަން އާމީ، ބީއެލްއޭ އިން ވަނީ އިއްޔެ ދިން އެ ހަމަލާގެ ޒިންމާ ނަގާފައެވެ. އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރޭލު ލައިނާ ޖެހިގެން ހުރި ބައެއް ގެތަކާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ގައިގައި ބޮން ހަރުކޮށްގެން ދިން އެ ހަމަލާގެ ސަބަބުން ވަނީ އަލިފާންވެސް ރޯވެފައެވެ. ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެ ހާދިސާއާ ގުޅިގެން ކުއެޓާގެ ޕަބްލިކް ހޮސްޕިޓަލްތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ޑޮކްޓަރުންނާއި އެހެނިހެން މެޑިކަލް މުވައްޒަފުން ޑިއުޓީގައި ތިބުމަށް ވަނީ އަމުރުކޮށްފައެވެ. ޖާނުން ފިދާވުމުގެ ހަމަލާގައި 24 މީހުން ވަނީ މަރުވެފައި. ފޮޓޯ/ރޮއިޓާސް ރޭލުގައި ތިބި މީހުންނަކީ އަސްކަރީ ކޭމްޕަކުން ކުއެޓާގެ މައި ރޭލު ސްޓޭޝަނަށް ދިޔަ ބައެއް ކަމަށް އޮފިޝަލުން ބުނެއެވެ. އެތަނުން އެ މީހުން ދަތުރުކުރަން ހަމަޖެހިފައި އޮތީ ޕެޝަވާރަށް ކަމަށާއި އޭގެ ފަހުން ޗުއްޓީ ހޭދަކުރުމަށް އެ މީހުންގެ އުފަން ރަށަށް ދިއުމަށެވެ. ބީއެލްއޭ އިން ބަލޮޗިސްތާނުގެ ރޭލުތަކަށް އަމާޒުކޮށް މީގެކުރިންވެސް ވަނީ ހަމަލާދީފައެވެ. ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ޖަފާ އެކްސްޕްރެސް ރެއިލްވޭއަށް އެތައް ފަހަރަކު ހަތިޔާރު އެޅި ޖަމާއަތްތަކުން ވަނީ ހަމަލާދީފައެވެ. ބީއެލްއޭ އިން ބުނާ ގޮތުގައި ޕާކިސްތާނުގެ ސަރުކާރުން އަންނަނީ އެ ގައުމުގެ އެންމެ ބޮޑު ޕްރޮވިންސްގެ މުއްސަނދި މައުދަނުގެ ވަސީލަތްތައް އާންމު ރައްޔިތުންނަށް ފައިދާއެއް ނުލިބޭ ގޮތަށް ބޭނުންކުރަމުންނެވެ. ބަލޫޗިސްތާނަކީ ޕާކިސްތާނުގެ ގާތްގަނޑަކަށް 44 ޕަސަންޓް ބިން ހިއްސާކުރާ ސަރަހައްދެކެވެ. އެއީ އީރާނާއި އަފްޣާނިސްތާނާ އެކު ބޯޑަރުތައް ހިއްސާކުރާ އަދި އަރަބި ކަނޑުގެ އައްސޭރިފަށުގެ ބައެއް ހިމެނޭ ސަރަހަދެއްވެސްމެއެވެ. ގާތްގަޑަކަށް 240 މިލިއަނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ފަސް ޕަސަންޓް މީހުން ދިރިއުޅެނީ ބަލޫޗިސްތާނުގައެވެ. ބީއެލްއޭގެ ހަނގުރާމަވެރިންނާއި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކާ ދެމެދު ފެބްރުއަރީ މަހުގެ ކުރީކޮޅުވެސް ކުއެޓާ އާއި މުޅި ސަރަހައްދުގައި ހަމަނުޖެހުން ހިނގައި އާންމުންގެ 31 މީހަކު މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ