ގާނޫނުއަސާސީގައި ބުނާ ބާރުވެރިކަން ހޯދުމަށް ރައްޔިތުން މަގުމައްޗަށް ނިކުތުން ނޫން ގޮތެއް މިއަދު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ ގާނޫނުއަސާސީން ދިވެހިންނަށް ލިބުނު އެންމެ ބޮޑު ބާރަކީ ތިންބާރު މިނިވަންވުން ކަމަށެވެ. އަދި އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ލިބިދީފައިވާ ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީން ލިބިދީފައިވާ ރައްޔިތުންގެ ބާރުވެރިކަން ސަރުކާރުން ނިގުޅައިގަތުމުން އެބާރުތައް ހޯދަން މަގުމައްޗަށް ނުކުތުން ނޫން ގޮތެއް މިއަދު ނެތް ކަމަށެވެ. ދިވެހިންނަކީ އަނިޔާވެރިކަން ހުއްޓުވަން އަބަދުވެސް ނުކުންނަ ބައެއް ކަމަށާއި މިއަދުވެސް މާދަމާވެސް އެމަސައްކަތް ރައްޔިތުން ހުއްޓާނުލާނެ ކަމަށެވެ.
އޭނަ ވިދާޅުވީ ސަރުކާރުން ކުރާ ޣައިރުގާނޫނީ ކަންކަން ހުއްޓުވަން ރައްޔިތުން ނުކުތުމުން ރައްޔިތުން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފުލުހުންނަކީ ސަލާމަތީ ޚިދުމަތުގެ ތެރޭގައި ހިމެނޭ މަދަނީ ބާރެއް ކަމަށާއި އެބާރުން ރައްޔިތުންނަށް އަނިޔާކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އަނިޔާވެރި ނުވާން އެންމެންވެސް ގޮވާލާނެ. ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން ހުއްޓާލުމަށް ގޮވާލާތީ އިދިކޮޅު ފަރާތްތައް ހައްޔަރުކޮށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު މިކުރަނީ. އެފަދަ ވިޔާނުދާ ތުހުމަތު ނޭޅުވުމަށް އިލްތިމާސްކުރަން. އިހައްދުވަހު ބުނީ މާލޭގެ ތަންތަނުގައި ހުޅުޖަހަނީއޭ. ދެން މިބުނަނީ ސަރުކާރު ވައްޓާލަން އުޅެނީއޭ. މިނުކުންނަނީ ސަރުކާރުގެ ގޯސް ކަންކަން ހުއްޓުވަން. ހުއްޓުވަން ނުކުތީމަ ނަތީޖާއަކަށް ވާނީ ފުލުހުންގެ މުއައްސަސާއާއި ސިފައިންގެ މުއައްސަސާ ވެސް މިނިވަންވެ، ކޯޓުތައް ވެސް މިނިވަންވެ، ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވެސް އިއާދަވުން" ކުރީގެ މަޖިލީސް މެމްބަރު ވިދާޅުވިއެވެ.
އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ އެކަންކަން ހާސިލްވަންދެން ރައްޔިތުން އިހުތިޖާޖު ކުރާނެ ކަމަށާއި ގާނޫނުއަސާސީގައި ބުނާ ބާރުވެރިކަން ރައްޔިތުންނަށް ލިބޭނެ އިތުރު ގޮތެއް މިއަދު ނެތް ކަމަށެވެ. މަގުމައްޗަށް ނުކުމެ އަޑުއުފުލަން މަޖުބޫރުވެފައިވާ މިދަނޑިވަޅުގައި އެކަން ކުރުމަށް އޭނަ ވަނީ ތަކުރާރުކޮށް ގޮވާލައްވާފައެވެ.
ސަރުކާރު ވައްޓާލުމުގެ ތުހުމަތު އިދިކޮޅު ފަރާތްތަކުގެ ބޮލުގައި ނޭޅުވުމަށް ގޮވާލައްވާ ވިދާޅުވީ ސަރުކާރު ވައްޓާލުމުގެ ތުހުމަތު ފުލުހުންގެ އަމިއްލަ ބޮލުގައި އެޅިފައިވާ ކަމަށެވެ. އެއީ ގާނޫނީގޮތުން ހަވާލުކުރެވިފައިވާ ވާޖިބު ނޫން ކަންކަން ކުރަން ހަދައިގެން ވީގޮތެއް ކަމަށް ވެސް ވިދާޅުވިއެވެ. ގާނޫނުއަސާސީއާއި ގާނޫނާ ޚިލާފު އަމުރުތަކަށް ތަބާވުން ހުއްޓާލުމަށް ފުލުހުންނަށް ތަކުރާރުކޮށް ގޮވާލެއްވިއެވެ.
ރައްޔިތުންގެ ބާރުވެރިކަން ހޯދަން ނުކުންނަންޖެހޭ: އަބްދުﷲ އަބްދުއްރަހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ