ކުރިއަށްއޮތް ރިޔާސީ އިންތިޚާބު އިބްރާހިމް މުހަންމަދު ސޯލިހް ކާމިޔާބު ކުރައްވާނީ %80 މަތީ ނިސްބަތެއްގެ ވޯޓާ އެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ އިއްތިހާދުން "އިންސާފުގެ މަގަށް" މިނަމުގައި، މާލޭގެ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޚާއްސަ ބޮޑު ޖަލްސާގައި ވީޑިއޯ ލިންކް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްޔިތުން ވޯޓްލާނީ އިއްތިހާދުގެ ކެންޑިޑޭޓަށް ކަމަށާއި، ކާނިވާ ސަރަހައްދުން ފެށިގެންދިޔަ މަންޒަރުންވެސް އެކަން ވަރަށް ސާފުކަމަށެވެ.
އަނިޔާވެރިކަމާއި، ފިތުނައާއި، ފަސާދައާއި، ނާއިންސާފުން ސަލާމަތްވަންޖެހޭ ކަމަށާއި، އިންސާފު ލިބިގަންނަންޖެހޭ ކަމަށާއި، އިންސާފުގެ މަގަށް މިކުރާ ދަތުރުގައި ހުރިހާ ރައްޔިތުންވެސް އިއްތިހާދުގެ އޮޑިއަށް އެރުމަށް ގާސިމް އިބްރާހިމް ގޮވާލެއްވިއެވެ. އިންސާފުގެ މަގަށް އައުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން އަތާއަތް ގުޅާލައި، އާ އާހިތްވަރެއްލައި، ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކޮށްދެއްވުމަށްވެސް ގޮވާލެއްވިއެވެ.
ދައުލަތުގެ ހުރިހާ މުވައްސަސާތަކުގެ ބޭފުޅުންވެސް ބިރުފަހަނައަޅައި ނުކުމެވަޑައި ގަތުމަށާއި، އެއްގޮތަކަށްވެސް ޖެހިލުންވެވަޑައި ނުގަތުމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ. ދައުލަތް ދަރުވަމުންދާ ދަރަނިތަކުންނާއި، ދުނިޔޭގެ ކުރިމަތީގައި އެކަހެރިވަމުންދާ ދިއުންތަކުން ސަލާމަތްވާންޖެހޭ ކަމަށާއި، ދައުލަތުގެ މުއައްސަސާތަލުގެ ވެރިންވެސް ފަސްބައި ހަޑިވެފައިވާ ބަޔަކަށް ނުވުމަށް ގާސިމް ގޮވާލެއްވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި އެއްވެސް ބަޔަކަށް އަދި މުއްސަސާއެއްގެ ވެރިޔަކަށްވެސް ދެރަގޮތެއް ނުހަދާނެކަމަށް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.
"ހުރިހާ މުއައްސަސާތަކުންވެސް ކެރިގެން ނުކުންނާޖެހޭ. ރައީސް ޔާމީން އަރިހުގަ ތިބި މަޖިލިސް މެމްބަރުންވެސް ވޯޓްލާނީ އަޅުގަނޑުމެންނަށް. ސިފައިންނައި ފުލުހުންގެ ގިނަ ބޭފުޅުންވެސް އަޅުގަނޑުމެންނަށް ވޯޓްދެއްވާނެ. ނުނިކުމެ ތިބެވޭކަށެއްނެތް. ގައުމާއި އުންމަތް ސަލާމަތް ކުރުމަށްޓަކައި، ދީން ސަލާމަތް ކުރުމަށްޓަކައި، މިނިވަންކަމާއި އިސްތިގްލާލް ސަލާމަތް ކުރުމަށްޓަކައި، ދަރަނިތަކުން ސަލާމާތްކުރުމަށް ނުކުންނަން އެބަޖެހޭ. 23 ސެޕްޓެމްބަރުގައި ވޯޓްލައި މިކަން ނިންމަންޖެހޭ. ﷲ ގެ އިރާދަފުޅާއެކު ކާމިޔާބު ލިބިގެންދާނީ ހައްގުގެ މަގަށް" ޖުމްހޫރީ ޕާޓީގެ ލީޑަރ ވިދާޅުވިއެވެ.
މިއަދު ދިވެހިރާއްޖެ ހޭދަކުރަމުންމިދަނީ ނާމާން، އަނދިރި އަދި އަނިޔާވެރިކަމާއި، ފަސާދައާއި، ކޮރަޕްޝަނާއި، ނާއިންސާފުން ފުރިގެންވާ ދުވަސްތަކެއްކަން ފާހަގަ ކުރައްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް މިއަދު ފެންނަމުންދަނީ، އެކަންކަމުން ގައުމު ސަލާމަތްކުރުމަށް ރައްޔިތުން ވަރަށް ފޯރިއާއެކު ކުރަމުންގެންދާތަން ކަމަށެވެ.
އިބޫ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ %80 އަށްވުރެ މަތިން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ