ސަރުކާރުގައި ބައިވެރިވުމަށް އެމްޑީޕީއަށް މައުމޫން ގޮވާލައްވައިފި

ރާއްޖޭގައި ހަމަ ޖެހުމާއި އަމަންއަމާންކަން ގާއިމްކޮށް ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމަށް މިހާރުން މިހާރަށް ސިޔާސީ އެއްބައިވަންތަކުގެ މާހައުލެއް ގާއިމްކުރަން ޖެހޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ދައުވަތު ގަބޫލުކޮށް އެމްޑީޕީން ވެސް ސަރުކާރުގައި ބައިވެރިވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމްޑީޕީއަށް ގޮވާލައްވައިފި އެވެ. ~
ތޭވީސް ޑިސެމްބަރު އިއްތިހާދުން މިހާރު އާޓީފިޝަލް ބީޗްގައި ކުރިއަށްގެންދާ އެއްވުމަށް ފޮނުއްވި އޯޑިއޯ މެސެޖެއްގައި މައުމޫން ވިދާޅުވީ ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމް ކުރުމަށް ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އުފައްދަވަން މަސައްކަތް ކުރައްވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަށް މަރުހަބާ ވިދާޅުވާ ކަމަށާއި ރޯޑް މެޕްގެ މަޝްވަރާތަކުގައި އެމްޑީޕީ ބައިވެރިވާތީ އެކަމަށް އެ ޕާޓީއަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"ރާއްޖެ މިހާރު ކަޑަތުކުރަމުން މިދާ ސިޔާސީ ނާޒުކު ދަނޑިވަޅުގައި ރައީސް ވަހީދު ކުރައްވާ ހުރިހާ މަޝްވަރާތަކެއްގައި ޕީޕީއެމްއިން އެ މަނިކުފާނަށް ހުރިހާ އެއްބާރުލުން އަރުވާނެ ކަމުގެ ޔަގީންކަން އަރުވަން. ރައީސުލްޖުމްހޫރިއްޔާ އުފައްދަވާ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވެފައިވާ ހުރިހާ ސިޔާސީ ޕާޓީތަކަށް އަޅުގަނޑު މަރުހަބާ ކިޔަން. އަދި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގައި ބައިވެރިވުމަށް އެމްޑީޕީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ދައުވަތު ގަބޫލުކުރެއްވުމަށް އަޅުގަނޑު އެމްޑީޕީއަށް ގޮވާލަން،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ މި ވަގުތަކީ ޑިމޮކްރަސީގެ މުހިންމު އަސާސުތައް ގާއިމްކުރަންޖެހޭ ވަގުތު ކަމަށާއި ރާއްޖޭގައި އިސްލާމްދީނުގެ އަސާސްތައް ގާއިމްކޮށް ވަރުގަދަ ކުރަން އެންމެ ރަނގަޅު ދަނޑިވަޅަކީ މިއީ ކަމަށެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ މައްޗަށް ބައްލަވާލައްވާ ރައީސް މަމޫން ވިދާޅުވީ ރާއްޖޭގެ ތާރީހުގައި އަންނާނެ އެންމެ މުހިންމު ދުވަހަކީ ރާއްޖެ އިސްލާމްވި ދުވަސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ