މަޝްރޫއުތައް އަންނައިރު ކުދި އާބާދީތައް، ބޮޑެތި އާބާދީ ހުރި ތަންތަނަށް ހިޖުރަކުރަންޖެހޭ - އުމަރު

ބޮޑެތި މަޝްރޫއުތައް ރާއްޖެއާ ދިމާލަށް ގެންނަން މަސައްކަތްކުރާއިރު ކުދި އާބާދީތައް، ބޮޑެތި އާބާދީ ހުރި ތަންތަނަށް ހިޖުރަކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރޭ ހއ.ދިއްދޫ އެ އަތޮޅުގެ ތައުލީމީ ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކާމިޔާބުކަމާއެކީ ކުރިއަށް ގެންދިއުމަށް އާބާދީ ކުދި ރަށްރަށުގެ މީހުން އާބާދީ ބޮޑެތި ރަށްރަށަށް ހިޖުރަކުރަންޖެހޭ ކަމަށެވެ.
އަދި ތަރައްގީވެފައި ހުރި ގައުމުތަކުގެ ލިސްޓަށް މީގެ 20 އަހަރު ފަހުން އެރުމަށް މަސައްކަތް ކުރާއިރު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ބޮޑެތި އާބާދީތައް ހުރި ތަންތަނަށް ކުދި އާބާދީތައް ހިޖުރަކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ސަރުކާރުން އެއްފަސްކުރުމުގެ ސިޔާސަތު ގެންގުޅުއްވާ ކަމަށާއި ނަމަވެސް އެއީ މަޖުބޫރުކޮށްގެން ކުރާ ކަމެއްނޫން ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވިއެވެ.
ހއ.އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ އައިހެވަން މަޝްރޫއު އަކީ މިސަރުކާރުން މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއުކަން ފާހަގަކުރައްވަމުން އުމަރު ނަސީރު ވިދާޅުވީ އައިހެވަން މަޝްރޫއު ކާމިޔާބު ކުރުމަށްޓަކައި އެސަރަހައްދުގައި އެންމެ ކުޑަވެގެން 14000 މީހުންގެ އާބާދީއެއް އޮންނަން ޖެހޭނެކަމަށް އައިހެވަންގެ ފީސިބިލިޓީ ހެދި ފަރާތުން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ މިފަދަ ބޮޑު އާބާދީއެއް އައިހެވަން މަޝްރޫއަށް ބޭނުންވަނީ ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ކަންކަން ކުރުމަށް ކަމަށާއި މިމަޝްރޫއުގައި ހަމައެކަނި ހިމެނެނީ ޓްރާންސްޝިޕްމަންޓް ބަނދަރެއް ނޫންކަމަށާއި އޭގެއިތުރުން ތެޔޮ ރައްކާކުރާ އަދި ތެޔޮ ސާފުކުރާ ކާރުޚާނާތައްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މިފަދަ ބޮޑެތި މަޝްރޫއުތައް ރާއްޖެއާ ދިމާލަށް ގެންނަން މަސައްކަތްކުރާއިރު، ކުދި އާބާދީތައް، ބޮޑެތި އާބާދީ ހުރި ތަންތަނަށް ހިޖުރަކުރަންޖެހޭ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ