އޭދަފުށިން އެންމެ ދުވަހުން 25 މީހުން ޕޮޒިޓިވް ވެއްޖެ

ބ. އޭދަފުށިން މިއަދު 25 މީހުން ޕޮޒިޓިވްވެ،، ބަލި ޖެހުނު މީހުންގެ އަދަދު 37 އަށް އަރައިފަ އެވެ.
އޭދަފުށިން ކޮވިޑް ފެނުނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. ބަލި އުޅޭކަން އެނގުނީ ވެސް އަލާމާތްތަކެއް ހުރި އަންހެނަކު، މިރަށު ފްލޫ ކްލިނިކަށް ގޮސް ޓެސްޓުކުރުމުންނެވެ. އެއާ އެކު ރަށަށް އަރައިފޭބުން މަނާކޮށްފައި ވަނިކޮށް، ހަމަ އެ ދުވަހު ފްލޫ ކްލިނިކަށް ދެއްކި ފިރިހެނަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ފަހުން އެ ދެމީހުންނާއި ގުޅުން ހުރި މީހުންނާއި ގުޅުން ނެތް މީހުން ވެސް ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ.
ބ. އަތޮޅު ހޮސްޕިޓަލުން މިރޭ އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދުވެސް މިރަށުން ވަނީ 25 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެހެންވެ، ވޭތުވެ ދެތިން ތިން ދުވަހުގެ ތެރޭގައި މި ރަށުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 37އަށް އެރީ އެވެ.
މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ސްކޫލް ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން، ބިދޭސީން ވެސް ހިމެނޭ ކަމަށްވެ އެވެ.
މިރަށުން ނަގާ ސާމްޕަލްތައް ޓެސްޓުކުރަން ފޮނުވަނީ ދަރަވަންދޫގައި ހުންނަ ލެބޯރެޓަރީ އަށާއި ނ. މާފަރު ކޮވިޑް ލެބަށެވެ. އާންމުކޮށް ނަތީޖާ ލިބެން އެއް ދުވަސް ނަގަ އެވެ. ބ. އަތޮޅު ހޮސްޕިޓަލުގައި ހުންނަ ޖީން އެކްސްޕާޓް މެޝިނުން ޓެސްޓުކުރަނީ އިމަޖެންސީ ހާލަތުގަ އާއި ފްލޫ ކްލިނިކަށް ދައްކަން އަންނަ މީހުން އެކަންޏެވެ. އެ މެޝިނުން ހެދެނީ ގަޑިއިރަކުން އެންމެ ދެ ޓެސްޓް ކަމަށްވެ އެވެ.
ކޮވިޑްގެ ހާލަތު މިރަށުގައި މިހާރު ވަރަށް ގޯހެވެ. މީގެ ކުރިން ބަލި ނުފެތުރޭ ވަރަށް މިހާރު މިރަށުގައި ބަލި ފެތުރިފައިވާއިރު ކޮވިޑްގެ ބިރުވެރިކަން އޮތުމުން ކައުންސިލުން ރެއިން ފެށިގެން ވަނީ ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.
އޭގެ ތެރޭގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާކުރުމާއި ކެފޭ/ރެސްޓޯރަންޓްތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ