ވަޒީފާގައި ތިބެ ތަމްރީނު ހޯދާ ޕްރޮގްރާމެއް އެސްޓިއޯއިން

މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ގޮތުން އެސްޓީއޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު އިފްތިތާހު ކޮށްފި އެވެ.
މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް އެސްޓީއޯ އާއި ޓިވެޓް އޮތޯރިޓީ އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ޓިވެޓް އޮތޯރިޓީގެ ފަރާތުން ޑިރެކްޓަރ އާމިނަތު އާސްރާ ސޮއިކުރެއްވިއިރު، އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ޓިވެޓް އާއި އެސްޓީއޯ ގުޅިގެންނެވެ.
މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ މާހައުލުގައި އުޅެމުން މަސައްކަތުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޓްވެޓް އިން ބުންޏެވެ.
މި ޕްރޮގްރާމުގައި 50 ބައިވެރިންނަށް 4 ދާއިރާއަކުން ތަމްރީނު ލިބިގެންދާނެ އެވެ. އެގޮތުން އޮޓޯމޯޓިވް މެއިންޓެނެންސް ދާއިރާއިން 10 ބައިވެރިން، ރީޓެއިލް ސާވިސަސްގެ ދާއިރާއިން 36 ބައިވެރިން، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކް ދާއިރާއިން ދެ ބައިވެރިންގެ އިތުރުން އިލެކްޓްރިޝަންގެ ދާއިރާއިން ދެ ބައިވެރިން ހިމެނެ އެވެ.
މި ޕްރޮގްރާމުން ފާސްވާ ބައިވެރިންނަށް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ