ހުރާގެ ޙާލަތު: އައްޑިހަ އިންސައްތަ ރައްޔިތުން ކަރަންޓީނުގަ- ފަންސަވީސް އިންސައްތަ ޕޮޒިޓިވް!

ކޮރޯނާގެ ޙާލަތު މިވަގު އެންމެ ސީރިއަސް އެއް ރަށަކީ ކ. ހުރާއެވެ. ހުރާގައި މިވަގުތު ބައްޔަށް ޕޮޒިޓިވް 104 މީހުން އެބަތިއްބެވެ. އެއީ ރަށުގައި މިވަގުތު ދިރިއުޅޭ އާބާދީގެ 25 އިންސައްތައެވެ. މީގެތެރޭގައި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. މާތް ﷲ ވާގިފުޅާއިއެކު އަދި މިވަގުތާއި ހަމައަށް ހާލު ސީރިއަސް މީހަކު ނެތެވެ. 
މިހައި ގިނަ ބައަކު ޕޮޒިޓިވް ވުމާއި ގުޅިގެން އާބާދީގެ 80 އިންސައްތަ މީހުން ތިބީ ކަރަންޓީނުގައެވެ. މީގެ ތެރޭގައި ހުރިހާ ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ މުވައްޒިފުން ވެސް ހިމެނޭތީ ރަށުގެ ކަންކަން ވަނީ ހުއްޓުމަކަށް އައިސްފައެވެ. 
"މިޙާލަތުގައި އަޅުގަނޑުމެން މިއެދެނީ ކަރަންޓީނުގެ މުއްދަތު 14 ދުވަހުން ނިމޭނެ ގޮތެއްވުމަށް. މިހާރު 14 ދުވަހަށް ކަރަންޓީނުކުރަނީ ނަތީޖާ ލިބޭ ދުވަހުން ފެށިގެން. ވީމާ ބައެއް ޙާލަތުގަ 19، 22 ދުވަހުވެސް ކަރަންޓީނުގަ ތިބެން އެބަޖެހޭ. ރަށުގެ ޢާންމު ހަރަކާތްތައް މިވަގުތު މިއޮތީ ހުއްޓިފަ. ޓާސްކް ފޯސްގަ މިހާރު ޙަރަކާތްތެރިވެވެނީ ވެސް އެންމެ 15 ވަރަކަށް މީހުންނަށް. އެމީހުންގެ ޚިދުމަތް ވަރަށް ފުރިހަމަ. މިޙާލަތުގަ އެންމެ 9 މީހުންނަށް ހުރިހާ ކަމެއް ބަލަހައްޓަން މިއޮތީ ވަރަށް ދަތިވެފަ. ރަމަޟާން މަސް މިހައި ގާތުގަ އޮތުމުން އެންމެން މިތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގަ!" ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުނެފައިވެއެވެ. 
ކައުންސިލުގެ ރައީސް ޢީސާ އަޙްމަދު ވިދާޅުވީ "ފޯރސީޒަންސް ރިސޯޓާ ކްލަބް މެޑްގެ އެހީތެރިކަން ވަރަށް ބޮޑު. ޚާއްޞަކޮށް ފޯރސީޒަންސް ކުޑަހުރާ ރިޒޯޓުގައި މަސައްކަތްކުރާ ހުރާ މުވައްޒިފުންގެ އެހީތެރިކަން ފާހަގަކޮށްލަން ޖެހޭ! ޢާންމުގޮތެއްގައި ރަށުގެ ހުރިހާ ރައްޔިތުންނާ ރަށުގެ ސްކޫލާ އެހެން އިދާރާތަކުގެ އެއްބާރުލުމާ އެހީތެރިކަން ވަރަށް ބޮޑަށް ދަނީ ލިބެމުން،" ކަމަށެވެ. 
ކުޑަހުރާއަކީ ވަރަށް އެކުވެރި، ހިތްހެޔޮ، އެންމެން ގުޅިގެން ކުރިއަށްދާން މަސައްކަތްކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ