ކޮވިޑް19: ހަވީރު 6 އިން ހެނދުނު 6 އަށް ވެހިކަލް ދުއްވުން މަނާ

ކޮވިޑް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި މިއަދު ހަވީރު 6 އިން ހެނދުނު 6 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފި އެވެ.ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އަމުރުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި އިތުރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެ ގޮތުން މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭގައި ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން މަނާ ކޮށްފައިވާ ކަމަށެވެ.މި އެންގުމުން އިސްތިސްނާވާނީ ސިފައިންނާއި ފުލުހުންގެ އިތުރުން ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލާންސް، އެޗްއީއޯސީގެ ފާސް ލިބިފައިވާ މީހުން އަދި އިމަޖަންސީކޮށް ސިއްހި ފަރުވާ ހޯދަންދާ މީހުންނެވެ.މީގެ އިތުރުން މާލޭ ސަރަހައްދުގައި ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ. މިގޮތުން ރޭގަނޑު 11:30 ފަތިހު 04:00 މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ބޭރަށް ނުކުމެ އުޅޭ އިރު މާސްކު އެޅުން މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ވަނީ މަޖުބޫރުކޮށްފައެވެ.މި ފިޔަވަޅުތައް ތަންފީޒް ކުރުމުގައި ވަގުތާއި ހާލަތަށް ރިޔާއަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނީ ޕޮލިސް ސާވިސް އާއި ކަމާބެހޭ އެހެން މުވައްސަސާތަކުން ކަމަށް ވެސް އެޗްޕީއޭގެ އެންގުމުގައިވެ އެވެ.ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު އިއްޔެ ވެސް ރާއްޖެއިން ވަނީ 186 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 162 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ