މާސްކު ނާޅުއްވައިގެން ތައިލެންޑުގެ ބޮޑުވަޒީރު ޖޫރިމަނާ ކޮށްފި

މާސްކު ނާޅުއްވައި ރަސްމިއްޔާތަކަށް ހާޒިރުވެ ވަޑައިގެންނެވުމުން ތައިލެންޑުގެ ބޮޑުވަޒީރު ޕްރަޔޫތް ޗަން-އޮޗާ ޖޫރިމަނާ ކޮށްފި އެވެ.
މާސްކު ނާޅުއްވައި ބޮޑުވަޒީރު ހާޒިރުވެ ވަޑައިގެންނެވީ އެސްޓްރެޒެނިކާ އިން އުފެއްދި ކޮވިޑް-19 ވެކްސިން ހޯދުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ބެންކޮކްގައި ބޭއްވި ރަސްމިއްޔާތަކަށެވެ. މި ރަސްމިއްޔާތު އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.
އެ ރަސްމިއްޔާތާއި ގުޅިގެން ބޮޑުވަޒީރު ޕްރަޔޫތު ޖޫރިމަނާ ކުރެއްވިކަން ބެންކޮކްގެ ގަވަނާ މިއަދު ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ. ޖޫރިމަނާ ކޮށްފައިވަނީ 6،000 ބަހްތް (190 ޔޫއެސް ޑޮލަރު) އިންނެވެ.
ބެންކޮކްގެ ގަވަނާ އަސްވިން ކްވާންމުއަންގް އާއި ހަވާލާދެއްވައި ރޮއިޓާސްގައި ބުނެފައިވަނީ ގަވާއިދުތަކާއި ހިލާފުވުމުން ޖޫރިމަނާ ކުރަށްވާފައިވާކަން ބޮޑުވަޒީރަށް އަންގާފައިވާނެ ކަމަށެވެ. މިކަން ގަވަނާގެ ރަސްމީ ފޭސްބުކް ޕޭޖުގައިވެސް ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ.
މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތެއްގެ މައްސަލަ ހޫނުވީ ބޮޑުވަޒީރު ޕްރަޔޫތު އެ ރަސްމިއްޔާތަށް ހާޒިރުވެ ވަޑައިގެންނެވިއިރު މާސްކު ނާޅުއްވައި ހުންނެވި ފޮޓޯއެއް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމު ކުރުމާއި ގުޅިގެންނެވެ. މައްސަލަ ހޫނުވެ ފަހުން އެ ފޮޓޯ ވަނީ ފޭސްބުކްއިން ނަގައިފަ އެވެ.
ގަވަނާ އަސްވިން ވިދާޅުވި ގޮތުގައި ރަސްމީ ގެކޮޅުން ބޭރަށް ވަޑައިގަންނަވާނަމަ ހުރިހާ ވަގުތު ތަކެއްގައިވެސް މާސްކު އަޅުއްވަން ބޮޑުވަޒީރަށް މަޖުބޫރު ކުރައްވައި ގަވާއިދު ހަދާފައިވާނެ ކަމަށާއި އެކަން ހިއްސާވެސްކޮށްފައި ވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ