އެގްރީމެންޓްތައް ހާމަ ކުރާނެ ކަމަށް ބުނެ ވައުދު ވެގެން ވެރިކަމަށް އައިސް، އިންޑިޔާގެ އެއްވެސް އެގްރީމެންޓެއް ހާމަ ކުރެވޭކަށް ނެތް ކަމަށް ސަރުކާރުން މިއަދު ބުނެފި! ހާމަ ނުކުރަނީ ހެދިހާ ދޮގު ފަޟީހަތްވެ ބޭޒާރު ވެދާނެތީ!

އިންޑިއާއާއެކު މިދިޔަ ސަރުކާރުން ގާއިމުކުރި އެއްބަސްވުންތަކުގެ ގޮތުން، މުޅި އެއްބަސްވުން ހާމަކުރޭވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
“މި އެއްބަސްވުންތައް ހުރި ގޮތުންނޭ” ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެ ވިދާޅުވި ބަހުގެ މާނައަކީ، މުއިއްޒު އާއި އޭނާގެ ކެމްޕެއިން ޓީމުން ގަސްތުގައި ދޮގު ހަދައި ދެއްކި އެއްވެސް ވާހަކައެއް އެއްބަސްވުމުގައި ނެތުމުން ފަޟީހަތް ވެދާނެ ވާހަކައެވެ. ހާއްސަކޮށް ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އަސަރު ކުރާ މައުލޫމާތު ހުރި ކަމަށް ބުނެ ހެދި ދޮގުތައް ފަޅާ އަރައި މުއިއްޒު ބޭޒާރު ވެދާނެތީ އެއްބަސްވުންތައް ދަނީ ސިއްރު ކުރަމުންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާއެކު އެކުލަވާލި އެއްބަސްވުންތަކުގެ ތެރެއިން އަސްކަރީ ބައެއް އެއްބަސްވުންތަކާ ގުޅޭ ގޮތުން އޭރުގެ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ހާއްސަކޮށް އުތުރުތިލަފަޅު އެއްބަސްވުމާއި ހައިޑްރޯގްރަފީ އެއްބަސްވުމަށެވެ.
މި އެއްބަސްވުންތަކުގައި ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އަސަރު ކުރާ މައުލޫމާތެއް ހިމެނޭ ނަމަ ރައްޔިތުންނަށް ހާމަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މި ސަރުކާރުގެ ފުރަތަމަ ޕްރެސް ކޮންފެރެންސްގައި، ސަރުކާރުގެ ސިޔާސަތު ތަފުސީލުކޮށްދިނީ ވެސް އެ ގޮތަށެވެ.
“އަޅުގަނޑުމެން ވެސް ދައްކަމުން ދިޔައީ އެ އެއްބަސްވުންތައް ކީއްވެގެންތޯ ހާމަނުކުރަނީ، ކަމާ ގުޅޭ ކޮމިޓީތަކަށް، މަޖިލީހުގެ ރުހުން ނުހޯދާ އެގުރިމެންޓުތައް ހަދަމުން ދަނީ ކީއްވެގެންތޯ،” ހީނާ ވަލީދު އޮޅުވާލުމަށް ދޮގު ހަދައި މިއަދުގެ ޕްރެސް ކޮންފެރަންސްގައި ވިދާޅުވި އެވެ.
“މިފަދަ އެގުރިމަންޓްތަކަކީ ރައްޔިތުންގެ މަޖިލީހަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ވަކި ހާއްސަ ކޮމިޓީއަކަށް ހާމަކުރެވޭނެ އެއްޗެހި،” ހީނާ ވިދާޅުވި އެވެ.
މުއިއްޒު ދަނީ ޗައިނާގެ ޖާސޫސީ ބޯޓުތައް ރާއްޖޭގެ ސަރަހައްދަށް ގެނެސް، ރާއްޖޭގެ އިސްތިޤްލާލާއި މިނިވަންކަމަށް އަސަރުކުރާހެން ޗައިނާއަށް ރާއްޖޭގެ މައްޗަށް ބާރުތައް ދެމުންނެވެ. އަދި މިކަމުގެ ސަބަބުން ސަރަހައްދީ ނުތަނަވެސްކަން އިތުރުވެ، ހަނގުރާމައިގެ މާހައުލެއް އުފެދޭ އިރެއްގައި ރާއްޖެއަށް ވަނީ ބޮޑެތި ނުރައްކާ ތަކެެއް ކުރިމަތިލާންޖެހޭ ފަދަ ހާލަތަކަށް ކަންކަން ގޯސްވެގެން ގޮސްފައެވެ.
ޕީއެންސީ/ޕީޕީއެމުން އޭރު “އިންޑިއާ އައުޓް” ކެމްޕެއިނެއް ވެސް ހިންގި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ