ބޮންޑޭ، ގާސިމް އަށް: މަޖިލީހަށް ހާޒިރުނުވާ މީހެއްގެ ވޯޓެއް ބޭނުމެއް ނޫން!

މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުން ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރަން ދެ އަހަރު ވަންދެން މަޖިލީހަށް ހާޒިރުނުވާ މީހެއްގެ ވޯޓު ބޭނުން ނުވާ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް މާފަންނު މެދު ދާއިރާގެ އިބްރާހިމް ރަޝީދު (ބޮންޑެ) ފާޑު ވިދާޅުވެއްޖެއެވެ.
ބޮންޑެ މިހެން ވިދާޅުވީ އެ އިސްލާހު ފާސްކުރަން ދެކޮޅުކަން ހާމަކޮށް ޖުމްހޫރީ ޕާޓީން މިއަދު ބަޔާނެއް ނެރުމާއި ގުޅިގެންނެވެ.
އެގޮތުން ބޮންޑޭ ވިދާޅުވީ ކޮންމެ ސަރުކާރަކަށް ބިރުދައްކައިގެން ދައުލަތުގެ ހަޒާނާ ލޫޓުވައިގެން އަބަދު ވިޔަފާރި ކުރަން ފުރުސަތެއް ނުލިބޭނެ ކަމަށެވެ.
"މުސްލިމުނާ ދިމާލަށް ކާފަރެކޭ ގޮވުން މަނާކުރާ ބިލް ފާސްކުރަން 2 އަހަރު މަޖިލީހަށް ހާޒިރުނުވާ މީހާގެ ވޯޓެއް ބޭނުމެއްނޫން. މާތްﷲ ގެ އިރާދަފުޅުން ބިލް ފާސްކުރާނަން" ބޮންޑޭ ވިދާޅުވިއެވެ.
ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ޖޭޕީން ނެރުނު ބަޔާނެއްގައި ބުނެފައިވައިވަނީ، ބިލު މިހާރު މަޖިލީހަށް ހުށަހަޅާފައިއޮތް ގޮތަސް އެ މަފްހޫމުގައި ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހާއި އެނޫންވެސް ތަންތަނުގައި ﷲ ތައާލާގެ ހަޟްރަތަށާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކާ ހަދާ މީހުންނަށް ހުޅުވައިދެވެނީ އެކަން ކުރުމުގެ ޤާނޫނީ ދޮރެއް ކަމަށެވެ.
އަދި މިހާރު ހުށަހަޅާފައިވާ އިސްލާހަށް މެމްބަރަކު ވޯޓުދީފި ނަމަ އެކަމަކީ މެމްބަރުން ކޮށްގެން ތިބިހުވަޔާ ހިލާފަށް ކުރެވޭ ކަމަކަށް ވާނެ ކަމަށްވެސް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދީނަށް ލޯބިކުރާ އެއްވެސް މެމްބަރަކު މި އިސްލާހަށް ވޯޓު ދީފާނެތޯވެސް ސުވާލު އުފައްދާފައިވެއެވެ.
ޖޭޕީން ބުނެފައިވަނީ މި ސަރުކާރު ދެމިއޮތުމަށް ތާއިދުކުރާ އެއްވެސް މީހަކު މި އިސްލާހު ހުށަހަޅާފައި އޮތް މަފްހޫމުގައި ފާސްކޮށް ޤާނޫނަކަށް ހެދުމަށް ތާއީދު ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ