ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ގޮތަށް އަމަލުކުރުމުން ސިވިލް ކޯޓުގެ އިސް ގާޒީއަށް ފިޔަވަޅު އަޅައިފި

ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއާމެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ ފިޔަވަޅު އަޅައިފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިވިލް ކޯޓުގެ ގަޒިއްޔާއިން ބަލާ މައްސަލައަކަށް މީހަކު ހާޒިރުވުމަށްޓަކައި އޭނާއަށް އަމުރު ލިބުނު އިރު، މެޖިސްޓްރޭޓް ކޯޓަކުން ބަލާ މައްސަލައާ ގުޅިގެން ހަމަ އެ މީހާއަށް، އެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުވުމުގެ އަމުރު ލިބިފައިވާތީ، ފަހުގެ ތާރީހަކަށް ސިވިލް ކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި އެ ކޯޓަށް ހުށަހަޅާފައިވަނިކޮށް ސިވިލް ކޯޓުގެ ގަޒިއްޔާ އަބްދުﷲ އަލީ ބާތިލުކުރެއްވި ކަމަށެވެ.
އެ އަމަލަކީ އަދުލު އިންސާފު ގާއިމުކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ އަދި ފަނޑިޔާރުގޭގެ ވާޖިބު އަދާކުރުމުގައި ތައައްސަބެއް އޮތްކަން ފެންނާން އޮތް އަދި ފަނޑިޔާރުގޭގެ އަދުލުވެރިކަމާމެދު ސުވާލު އުފެދިދާ ގޮތުގެ މަތިން ކޮށްފައިވާ އަމަލެއްކަން އަބްދުﷲ އަލީގެ ބަހުންނާއި ލިޔެކިޔުންތަކުން މައްސަލަ ތަހުގީގަށް ސާބިތުވާ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.
ޖޭއެސްސީން ބުނީ، އަބްދުﷲ އަލީގެ އެ އަމަލަކީ، ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނާ ހިލާފު އަމަލެއްކަމަށްވާތީ ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގުރާމެއް ފުރިހަމަކުރަން އަބްދުﷲ އަލީއަށް އަންގާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ