އާލިއާ ބަޓްގެ "ޑާލިންގްސް" ޕްރިމިއަރކުރާނީ ނެޓްފްލިކްސްއިން

ބަތަލާ އާލިއާ ބަޓްގެ އަމިއްލަ ކުންފުނި އިޓާނަލް ސަންޝައިން ޕްރޮޑަކްޝަންސްއިން ގެނެސްދޭ ފުރަތަމަ ފިލްމު "ޑާލިންގްސް" އަންނަ އޯގަސްޓު މަހުގެ 5 ވަނަ ދުވަހު ނެޓްފްލިކްސްއިން ޕްރިމިއަކުރާގޮތަށް ހަމަޖެހިއްޖެއެވެ.
ރެޑް ޗިލީޒް އެންޓަޓެއިންމަންޓްއާއި ގުޅިގެން ގެނެސްދޭ މިފިލްމު ނެޓްފްލިކްސްއިން ޕްރމިއަ ކުރާނެކަމަށް އިއުލާނު ކޮށްފައިވަނީ އިއްޔެ ރިލީޒްކޮށްފައިވާ ފިލްމުގެ ފުރަތަމަ ޓީޒާއާއެކުއެވެ.
ބަތަލާ އާލިއާ ބަޓް ލީޑްރޯލްއިން ފެނިގެންދާ މިފިލްމަކީ، ކޮމެޑީ ޑްރާމާއެކެވެ.
ފިލްމުގައި ފެނިގެންދާނީ މުމްބާއީގެ ރަށްފުށުގައި ދިރިއުޅޭ އާދައިގެ އާއިލާއެއްގެ މެމްބަރުންގެ ދިރިއުޅުމުގައި ދިމާވާ ހާދިސާތަކެކެވެ.
އާލިއާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު "ޑާލިންގްސް" ގެ ތަރިންގެތެރޭގައި ބަތަލާ ޝެފާލީ ޝާހް، އެކްޓަރު ވިޖޭ ވަރުމާގެ އިތުރުން އެކްޓަރު ރޯޝަން މެތިވްއެވެ.
ފިލްމުގައި ބަތަލާ ޝެފާލީ ފެނިގެންދަނީ އާލިއާގެ މަންމަގެ ރޯލްއިންނެވެ. އަދި ވިޖޭ ވަރްމާ ފިލްމުގައި ފެނިގެންދަނީ އާލިއާގެ ފިރިމީހާގެ ރޯލްއިންނެވެ.
ޓީޒާއިން ފެންނަގޮތުގައި ފިލްމުގެ މައިގަނޑު ބިނާކުރެވިފައިވަނީ އާލިއާއާއި ޝިފާލީގެ ދެމައިން މުމްބާއީގައި ރަނގަޅު ދިރިއުޅުމެއް ބިނާކުރުމަށްޓަކައި ދިމާވާ ތަފާތު ގޮންޖެހުންތަކުގެ މައްޗަށެވެ.
ފިލްމުގެ ފުރަތަމަ ޓީޒާ ރިލީޒްކުރުމާއެކު ފިލްމު ބިނާކޮށްފައިވަނީ ކޮންކަހަލަ ކަންތައްތަކަކަށް ވަރަށް ސާފުކޮށް އޯޑިއަންސަށް އެނގިގެންދާނެއެވެ.
ފިލްމުގެ ޓީޒާ އަމިއްލަ އިންސްޓަގްރާމްގައި ޕޯސްޓްކުރުމަށްފަހު އާލިއާ ބުނެފައިވަނީ، މިއީ ހަމައެކަނި "ޓީޒް" އެއް ކަމަށެވެ. އަދި އޯގަސްޓް 5 ވަނަ ދުވަހަށް އިންތިޒާރުކުރުމަށް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ