ރަނިލް އަށް ރައީސް ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ

ލަންކާގެ އާ ރައީސް ރަނިލް ވިކްރަމަސިންހައާ އެކު ލަންކާ ރައްޔިތުން ތަހައްމަލު ކުރަމުންދާ އުނދަގޫތައް ހައްލުވުމުގެ އުއްމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.އެމަނިކުފާނު ރައީސް ކަމަަށް ވަޑައިގެންނެވީ ލަންކާއަށް އައު ރައީސަކު ހޮވުމަށް މިއަދު އޮތް ޕާލިމަންޓް ޖަލްސާގައި މެންބަރުންގެ އަގުލަބިއްޔަތު ވޯޓުންނެވެ.އެމަނިކުފާނު އިންތިހާބުވެވަޑައިގަތީ ސިއްރު ވޯޓުގައި 134 ވޯޓް ހޯއްދަވައިގެންނެވެ. ރަނިލް ވިކްރަމަސިންހައާ ވާދަކުރެއްވީ ދުލާސް އަލަހައްޕެރޫމާ އާއި އަނޫރާ ކުމާ ޑިސަނާޔަކޭ އެވެ.ލަންކާގެ އާންމުންގެ ރުޅިވެރިކަމުގެ ސަބަބުން މެއި މަހުގެ ތެރޭގައި ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވި އެވެ. އެފަހުން ރަނިލް ވިކްރަމަސިންހަ ވަނީ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވާފަ އެވެ.ރަނިލް އަށް މިއަދު ތަހުނިޔާ ވިދާޅުވި އިރު ނަޝީދަކީ ލަންކާ އަށް ދިމާވެފައި އޮތް މާލީ އަދި އިގުތިސާދީ ދަތިތަކާ ގުޅިގެން އެ ގައުމަށް ބޭރުގެ އެހީ ހޯދައިދޭން މެދުވެރިިއެއްގެ ދައުރު އަދާކޮށް ދެއްވަން ހަމަޖައްސަވާފައި ބޭފުޅެއް ވެސް މެ އެވެ. އެގޮތަށް ހަމަޖެހުނީ ނަޝީދުގެ އެދިވަޑައިގަތުމަކަށް މެއި މަހުގެ ތެރޭގަ އެވެ. އުމުރުން 73 އަހަރުގެ ރަނިލް ސިޔާސީ މައިދާނުގައި މަސައްކަތް ކުރައްވާތާ 43 އަހަރު ވެފައިވާ އިރު، މިހާތަނަށް ހަ ފަހަރެއްގެ މަތިން ލަންކާގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވައިފި އެވެ. ނަމަވެސް އެންމެ ފަހަރަކު ވެސް ދައުރު ފުރިހަމަ ކުރެއްވޭ ގޮތެއް ނުވެ އެވެ.އިގްތިސާދީ އަނދަވަޅެއްގެ ތެރެއަށް ގައުމު ވެއްޓި، ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރައީސް ކަމުގެ މަގާމު ހުސްވެފައި ވަނިކޮށް، ރައްޔިތުންގެ މަގުބޫލުކަމެއް ނެތް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ސްރީ ލަންކާގެ ރައީސްކަމުގެ މަގާމަށް އިންތިހާބުކުރުމާ ގުޅިގެން، އެކަމާ ދެކޮޅަށް އާންމު ރައްޔިތުން މަގުތަކަށް ނުކުންނަން ފަށައިފަ އެވެ. އެމީހުން ބުނީ އިންތިހާބީ ރައީސް މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާ ސުލްހަވެރި މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެއީ އޭނާ އެމަގާމަށް އައްޔަންކުރުމަކީ ރައްޔިތުންގެ އެދުމާއި ހިލާފު ކަމެއް ކަމަށް ވާތީ ކަމަށް ބުނެފައި ވެއެވެ."ރައްޔިތުންގެ އެދުމާ ދެކޮޅަށް މަޖިލީހުން މިއަދު ވަނީ ނިންމުމެއް ނިންމާފައި. ރަނިލް ގެނައީ ރާޖަޕަކްސަގެ ސަރުކާރުން. އެހެންކަމުން، ރަނިލް އާއި ކޮރަޕްޓް ނިޒާމާ ދެކޮޅަށް އަޅުގަނޑުމެންގެ ސުލްހަވެރި މުޒާހަރާތައް ކުރިއަށް ދާނެ،"މުޒާހަރާކުރާ މީހުންގެ ތުހުމަތަކީ މިއީ ގޮތަބަޔަ އާއި އެމަނިކުފާނުގެ ބޭބެފުޅު މަހިންދަ ރާޖަޕަކްސް ސަރުކާރުގެ އިހުމާލާއި ކޮރަޕްޝަނުގެ ސަބަބުން ގައުމަށް ދިމާވި ހާލަތެއް ކަމަށެވެ. މިހާރު ވެސް އެ މީހުން ދަނީ ހުއްޓުމެއްނެތި މުޒާހަރާކުރަމުންނެވެ. އަދި ރަނިލްއަކީ ރައީސް ކަމުގައި ބަލައިގަންނަން ދެކޮޅުހަދާ ކަން ވެސް އިއުލާންކޮށްފަ އެވެ.އިދިކޮޅު މުޒާހަރާތަކުގައި އިސްކޮށް އުޅޭ އިތުރު މީހަކު ބުނި ގޮތުގައި ރަނިލްއަކީ ގައުމުގެ މައްސަލަތައް ހައްލުކުރެވޭ ވަރުގެ ބޭފުޅެއް ނޫނެވެ. އަދި މިއީ އާންމު ރައްޔިތުން ބޭނުންވި ބަދަލެއް ނޫން ކަމަށާއި، ރަނިލްއަކީ ވެސް، ރާޖަޕަކްސަ އާއިލާގެ ވެރިކަން ދަމަހައްޓަން ވާގިވެރިވާ ބޭފުޅެއް ކަމަށް އެމީހުން ބުނެ އެވެ."އަހަރެމެން ވަރަށް ރަނގަޅަށް ދަންނަން ރަނިލްއަކީ ގޯޓާބޭ ފަދަ މީހެއް ނޫންކަން. އެއަށް ވުރެ މާ ހީލަތްތެރި މީހެއް އެއީ. މުޒާހަރާތައް ރޫޅައިލުމަށް އޭނާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ. އަދި މުޒަހަރާ ކުރާ މީހުން ފައްސައިލުމަށް، އޭނާވަނީ އަސްކަރީ ހެލިކޮޕްޓަރުތައް ވެސް ފޮނުވާފައި. އެކަމަކު އެފަދަ އަމަލުތަކުން ރައްޔިތުން މިހާރު ފަހަތަށް ޖެހޭނެ ކަމަކަށް ނުބެލެވޭ. ލަންކާ ރައްޔިތުން ބޭނުންވަނީ ރައްޔިތުންނާ މެދު އަޅައިލާ ވެރިއެއް. ހަމައެކަނި އެމީހެއްގެ ސިޔާސީ ކުރިމަގާމެދު ވިސްނާ ލީޑަރެއް ނޫން،" ސިޔާސީ މުޒާހަރާތަކުގައި އިސްވެ އުޅޭ މެލާނީ ގުނަތިލަކަ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ