ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ފިޔަވަޅުތައް އަޅައިގެން، މި ވޭތުވެދިޔަ މަހަކަަށްވުރެ ގިނަ ދުވަހުގެ ތެރޭގައި 772.7 މިލިޔަން ރުފިޔާ ބާކީ ކުރެވިފައިވާ ކަމަށް ފިނޭންސް މނިސްޓްރީން ބުނެފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތި ވެދާނެ ދައްޗަކަށް ޓަކައި، ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އަންގަވައިފައެވެ.
މިނިސްޓަރު އަމީރު ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، އެކަމުގެ ސަަބަބުން ރާއްޖެއަށް ލިބޭ އާމްދަނީ ކުޑަކޮށް ދަށްވި ނަމަވެސް ބަޖެޓުގައި ހިމެނޭ ޕީއެސްއައިޕީ ޕްރޮޖެކްޓައް ކުރިއަށް ގެންދެވޭނެ ކަަމަށާއި އެ ޕްރޮޖެކްޓްތައް ހުޓާ ނުލާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ، ދައުލަތުގެ އާމްދަނީ އާއި ހަރަދުތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 772.7 މިލިއަން ރުފިޔާ ބާކީ ކުރެވިފައިވަނީ ސަރުކާރުގެ ހަރަދުތައް 20 ޕަސެންޓް ދަށްކޮށްގެންނެވެ.
ތަފާސް ހިސާބުތަކުގައިވާ ގޮތުން، މިމަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިިބިފައެވެ.
އޭގެ ތެރެއިން، 1.6 ބިލިއަން ރުފިޔާ ދައުލަތުން ހަރަދު ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
މިމަހު ހަވަނަ ދުވަހުގެ ނިޔަލަށް 1.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މިއީ 2019 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20 ޕަސެންޓް ދަށް، އަދި 428.8 މިލިއަން ރުފިޔާ މަދު އަދަދެއް ކަމަށް ބުނެފައިވެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ ފުރަތަމަ ހަފުތާ ނިމުނު އިރު ދައުލަތަށް ލިބުނު، 2.4 ބިލިއަން ރުފިޔާ އަކީ މިދިޔަ 2019 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ، 713.3 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އެއީ ޓެކްސްއިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށްވެސް ބުނެފައި ވެއެވެ.
މިއަހަރުގެ މިހާތަނަށް، ލޯނުތައް ދެއްކުމަށް 108.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ސޮވަރިން ފަންޑަށް 78.6 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށްވެސް ތަފާސް ހިސާބުގައި ވެއެވެ. އަދި މިހާތަނަށް 130.5 މިލިއަން ރުފިޔާ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ހަރަދު ކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބު ތަކުގައި ވެއެވެ.
ސަރުކާރުގެ ހަރަދުތައް ކުޑަކޮށްގެން 772.7 މިލިއަން ރުފިޔާ ބާކީ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ