ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ އަވަހާރަ ވުމާއި ގުޅިގެން، ރައީސް ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ

ކޮވިޑް 19އަށް ޕޮޒިޓިވް ވެ، ފަރުވާ ހޯދަމުން އައި ވިޔަފާރިވެރިޔާ ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ހުސައިން އަބްދުﷲ އަވަހާރަ ވުމާއި ގުޅިގެން، އެ އާއިލާގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ އިހުލާސްތެރި ތައުޒިޔާ މަރުހޫމުގެ އާއިލާއަށް ދަންނަވާ ކަމަށެވެ. އަދި މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް މާތްﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މަރުހޫމް ހުސައިން އަބްދުﷲ އަކީ މުޖުތަމައަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ރައީސް ސޯލިހުގެ ޓުވީޓުގައި ފާހަގަކުރެއްވި އެވެ.
އެމްއެޗްއޭގެ ވެރިޔާ، އަދި މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަބްދުﷲ އަވަހާރަވެފައި ވަނީ ރޭ 11:15 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ރާއްޖޭގައި ކޮވިޑް 19 ޖެހިގެން އެންމެ ފުރަތަމަ ނިޔާވި އާމިނަތު އާދަމް، 83 އަކީ ހުސައިން އަބްދުﷲގެ އަނބިކަނބަލުންނެވެ.
މަރޮށީ ހުސައިން އަބްދުﷲ ނުވަތަ މަރޮށީ ހުސައިން ކަލޭފާނަށް ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް އަރުވާފައިވަނީ 2011 ވަނަ އަހަރުއެވެ. ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު ހުސައިން އަބްދުﷲ އަށް ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، ސަރުކާރުން އަރުވައިފައެވެ. އަދި އޭގެ 13 އަހަރު ދުވަސްފަހުން، 2005 ވަނަ އަހަރު މިރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް އެމަނިކުފާނަށް ސަރުކާރުން ވަނީ އަރުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ