ކަރަންޓުގެ އަގަށް ގެނެވުނު ބަދަލުތައް ހާމަކޮށްފި

ކަރަންޓުގެ އަގަށް މިއަދު ގެނެވުނު ބަދަލުތަކުގެ ތަފްސީލްތައް މޯލްޑިވްސް އެނާޖީ އޮތޯރިޓީ (އެމްއީއޭ)އިން ހާމަކޮށްފި އެވެ.
މިއަދު ހާމަކުރި ތަފްސީލްތަކާއި ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު ގެނެވުނު ބަދަލުތައް މިހާރު ވަނީ އުވާލާފަ އެވެ.
އެމްއީއޭ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަދު ކަނޑައެޅި އާ ޓެރިފް ރޭޓްތަކާއި އެއްގޮތަށް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަރަންޓް ބިލް ތައްޔާރުކުރާނެ ކަމަށެވެ.
އެމްއީއޭ އިން ކަނޑައެޅި ޓެރިފިކް ރޭޓް ތަކަށް ބަލާއިރު މާލެ ސަރަހައްދަށް ކަރަންޓްގެ ހިދުމަތް ދޭ ސްޓެލްކޯގެ ޓެރިފް ރޭޓާއި އަތޮޅު ތެރޭގެ ގިނަ ރަށްތަކަށް ކަރަންޓްގެ ހިދުމަތް ދެމުންގެންދާ ފެނަކަ ކޯޕަރޭޝަންގެ ޓެރިފް ރޭޓްތަކާއި ތަފާތެވެ. ނަމަވެސް ފެނަކައިން ހިދުމަތް ދޭ ހުރިހާ ތަނަކަށް ބިލް ކުރަނީ އެއް ރޭޓް ތަކެއްގަ އެވެ. މީގެ ކުރީ ކަރަންޓް ބިލް ތައްޔާރުކުރަނީ އެކި ރަށް ރަށުގައި އެކި އަގުތަކުގަ އެވެ.
އެމްއީއޭ އިން މިއަދު ކުރި އިއުލާންގައި ފިއުލް ސާޗާޖު ނެގޭނެ ގޮތްތައް ވެސް ވަނީ ބުނެދީފަ އެވެ. އެގޮތުން ބުނެފައިވަނީ ފެނަކަ އާއި ސްޓެލްކޯއަށް ޑީސަލް ލީޓަރެއް ގަންނަން ލިބޭ އަގު 8 ރުފިޔާއަށް ވުރެ މައްޗަށް އަރައިފިނަމަ އޭގެ ފަހުން ކަރަންޓް ބިލް ތައްޔާރުކުރާނީ ކޮންމެ ތެޔޮ ލީޓަރަކަށް އިތުރުވާ ދިހަ ލާރިން ތިން ލާރި ސާޗާޖުގެ ގޮތުގައި ކަނޑައެޅިގެން ކަމަށެވެ.
ސްޓެލްކޯ އާއި ފެނަކައަށް މިހާރު ޑީސަލް ލީޓަރެއް ގަންނަނީ 7.05 ރުފިޔާ އަށެވެ.
އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް މީގެ ކުރިން ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ތެލުގެ އަގަށް އަންނަމުންދާ ހެޔޮ ބަދަލާ ގުޅިގެންް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ