ޓީޗަރުން ތަމްރީން ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ކާށިދޫ ދާއިރާގެ ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް ބޭނުންވާ ޓީޗަރުންގެ ކިޔެވުމަށް ހިނގާ ހަރަދުގެ 50 ޕަސަންޓް ދެއްވުމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް ނިންމަވައިފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީއާ ގައުމީ ޔުނިވަސިޓީ ގުޅިގެން ހިންގާ މިޕްރޮގްރާމްގައި ކިޔަވާ ކާށިދޫ ދާއިރާގެ ކާށިދޫ އަދި ގާފަރުގެ ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ފެންވަރަށް ކިޔަވަން ބޭނުންވާ ޓީޗަރުންގެ ކޯސް ފީގެ ގޮތުގައި ދައްކަންޖެހޭ އަދަދުގެ 50 އިންސައްތަ ހަމަޖައްސައިދެއްވަނީ ފައިސަލް ނަސީމް އުފައްދަވާފައިވާ ފައިސަލް ފައުންޑޭޝަންގެ ފަރާތުންނެވެ.
އެންމެ ދަށް ވެގެން ޑިޕްލޮމާ ލެވެލްގެ ސެޓްފިކެޓް ނެތް ޓީޗަރުން، އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ވަކި މުއްދަތެއްގެ ވަޒީފާއިން ވަކިކުރެވޭނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ހިދުމަތުގައި ތިބި ޓީޗަރުންނަށް ވަޒީފާގައި ތިބެގެން ކިޔެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމުގެ ގޮތުން ތަފާތު ހަ ދާއިރާއަކުން ސްޕެޝަލައިޒް ވެވޭ ގޮތަށް "ޑިޕްލޮމާ އިން ޓީޗިން" ޕްރޮގްރާމް އެކުލަވާލައިފައިވާ ކަމަށެވެ.
ޑިޕްލޮމާއަށް ކިޔަވަން ބޭނުންވާ ޓީޗަރުންނަށް ކިޔެވުމަށް ހުޅުވާލި ދާއިރާތަކަކީ އިސްލާމް، ދިވެހި، ގުރުއާން، އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ކްރިއޭޓިވް އާޓްސްގެ އިތުރުން ހެލްތް އެންޑް ޕީއީ އެވެ.
ފައިސަލް ފައުންޑޭޝަނުން ވަނީ ކާށިދޫ އަދި ގާފަރުގެ ޑިޕްލޮމާ ހަދާ ހުރިހާ ޓީޗަރުންނަށް ކިޔެވުމުގެ ހަރަދު ދޭން ނިންމާފަ އެވެ.
ފައިސަލް ވިދާޅުވީ ސަރުކާރުން އަޅާ ކުއްލި ފިޔަވަޅެއްގެ ސަބަބުން އެެއްވެސް ޓީޗަރެއްގެ ވަޒީފާ ގެއްލެން ބޭނުންނުވާ ކަމަށާއި ކާށިދު އާއި ގާފަރުގެ ހުރިހާ ޓީޗަރުންނަށް އިތުރު ތަމްރީނު ހޯދައި ދެއްވާނެ ކަމަށެވެ. އަދި މި އެހީގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކާށިދޫ އަދި ގާފަރުގެ ޓީޗަރުންނަށް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުމްމީދު ކުރައްވާ ކަމުގައިވެސް ފައިސަލް ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި ފަހުން ފައިސަލް ނަސީމް ގެންދަވަނީ އެ ދާއިރާގައި ހިމެނޭ ދެ ރަށް ކަމުގައިވާ ކާށިދޫއާ ގާފަރަށް ފައިސާއާ ތަކެތީގެ ބޮޑެތި އެހީތަކެއް ދެއްވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ފައިސަލް ނަސީމަކީ މުޖުތަމައުގެ ތަރައްގީއަށާއި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ މެންބަރެކެވެ.
ދާއިރާގެ ޓީޗަރުން ތަމްރީންވާން ހިނގާ ހަރަދުގެ 50 ޕަސަންޓް ދޭން ފައިސަލް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ