ހުކުމާއި ގުޅިގެން ރައްޔިތުން މަގުމައްޗަށް ނިކުތުމަށް ނަޝީދު ގޮވާލައްވައިފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ހަމަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށާއި ބައެއް މެންބަރުންގެ މެންބަރުކަން ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ރައްޔިތުން މަގުމައްޗަށް ނިކުމެ އިހްތިޖާޖްތައް ފެށުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ހއ.ދިއްދޫގައި މިރޭ އެމްޑީޕީން ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ ވެރިކަމެއް ގާއިމްކުރުމަށް ބޭނުންވާ އެންމެ މުހިއްމު މުއައްސަސާއަކީ އިކެލްޝަންސް ކޮމިޝަން ކަމަށާއި ސުޕްރީމް ކޯޓަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން މަގާމުން ދުރުނުކުރެއްވޭނެ ކަމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަންގެ މެންބަރުން އައްޔަންކުރުމާއި ވަކިކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީން ލިބިފައިވާ ބާރެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ރައްޔިތުންގެ ބާރު ކަނަޑުވާލާ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ކުރާކަންކަމުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ހުކުމްކޮށްފައިވާ ކަމަށާއި އެކަމަކީ ސްޕްރީމް ކޯޓަށް ކުރެވޭނެކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ހުކުމާއި ގުޅިގެން މިއަދު އަތް އުރާލައިގެން ތިބެއްޖެނަމަ މާދަމާ އެކަމުގެ ހިތި ދެކޭނެ ކަމަށާއި މިނިވަން އިލެކްޝަންސް ކޮމިޝަނެއްނެތި އެމްޑީޕީން މަޖިލިސް އިންތިހާބުގައި ބައިވެރިވުމުގެ ބޭނުމެއް އޮތްކަމަށް އެއްވެސް ގޮތަކަށް ދެކެވަޑައި ނުގަންނަވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ