މެމްބަރު އާޒިމް ދޫކޮށްލައިފި

ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކުރި މައްސަލައިގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ކޯޓުން އާޒިމު ދޫކޮށްލާފައިވަނީ، އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް މިއަދު ކޯޓަށް ހާޒިރުކުރުމާއި އެކު، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި މުޒާހަރާއަކަށް ނުދިއުމަށް ޝަރުތުކޮށެވެ.
އާޒިމު ހައްޔަރުކޮށްފައިވަނީ، މިދިޔަ މަހުގެ 22 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރުމާ ދެކޮޅަށް އެމްޑީޕީން ރައީސް އަބްދުﷲ ޔާމީންގެ ގެ ކައިރީ ބޭއްވި އެއްވުމެއްގެ ތެރެއިން ނެވެ.
ފުލުހުން ބުނެފައިވަނީ، އެ އެއްވުމުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް އާޒިމު ގެންގޮސް ކުޑަކަމުދާ ތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. އެކަމަކު އެކަން އާޒިމްގެ ވަކީލު ވަނީ އެކަން ދޮގުކޮށްފަ އެވެ.
އާޒިމް ބަންދުގައި ބެހެއްޓި ނަމަވެސް މަޖިލީހުގެ ޖަލްސާތަކަށް ވަނީ ހާޒިރުކޮށްފައެވެ.
ފުލުހުން ބުނެފައިވަނީ، އާޒިމު ދޫކޮށްލި ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ