އުމަރު ވިދާޅުވާ ގޮތަށް ކަންކަން ހިނގާނެކަން ގަބޫލުކުރަން ދަތި: އެމްޑީޕީ

ހޯމް މިނިސްޓަރަކީ މިއަދު ފިޔަކޮށާލާފައި ހުރި ބޭފުޅަކަށް ވާތީ ރައީސް ނަޝީދުގެ ހުކުމް ތަންފީޒު ކުރުމުގެ ކަންކަން ހޯމް މިނިސްޓަރު ވިދާޅުވާ ގޮތަށް ކުރިއަށްދާނެކަން ގަބޫލުކުރަން ދަތި ކަމަށް އެމްޑީޕީން ބުނެފިއެވެ.
ރައީސް ނަޝީދު މާފުށީ ޖަލުގައި ހުންނަވާނީ އެމަނިކުފާނަށް ޚާއްސަ ކުރެވިގެން ހެދޭ ފެންވަރު ރަގަޅު ޖަލު އެޕާޓްމަންޓެއްގައި ކަމަށް ހޯމް މިނިސްޓަރު ވިދާޅުވެފައިވާ ވިދާޅުވުމާއި ގުޅޭގޮތުން ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ ވިދާޅުވީ ގައިދީން ތިބެންޖެހެނީ ދަރަޖަ ކުރެވިފައި ކަމާއި އެ މިންގަނޑަށް ބަލާއިރު ތަފާތު ދަރަޖަތަކުގެ ތަންތަން ގައިދީންނަށް ހުންނަންވާނެކަން ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރަކީ މިއަދު އެއްވެސް ބާރެއް ނެތް ބޭފުޅަކަށް ވާތީ އެމަނިކުފާނު ވިދާޅުވާ ގޮތަށް ކަންކަން ހިނގާނެ ކަމާއި މެދު ވަރަށް ބޮޑަށް ޝައްކު ކަމަށް ދީދީ ވިދާޅުވިއެވެ.
"ހޯމް މިނިސްޓަރަކީ މިއަދު ފިޔަކޮށާލާފައި ހުރި އެއްވެސް ބާރެއް ނެތް ބޭފުޅެއް. މިނިސްޓްރީގެ ހުރިހާ ބާރުތަކެއް ޚާއްސަކޮށް ފުލުހުންނާ ގުޅުންހުރި ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ނަންގަވާފައި. އެހެންވީމަ މިނިސްޓަރު އެވިދާޅުވާ ގޮތަށް ރައީސް ނަޝީދާ މެދުވެސް ކަންތައް ކުރެވިދާނެ ކަމަށް ގަބޫލުކުރަން ދަތި. ހޯމް މިނިސްޓަރަކީ އެއްވެސް ބާރެއް ނެތް ބޭފުޅެއް. އެއީ ނަމެއްގައި ހުރި ބޭފުޅެއް" އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ދީދީ ވިދާޅުވިއެވެ.
ޑރ. ދީދީ ވިދާޅުވީ ހޯމް މިނިސްޓަރު ވެސް ހުންނެވީ ރަހީނުކުރެވި، ބޮލުގައި ބަޑިޖައްސާފައި ކަމަށެވެ. އަދި ވިދާޅުވީ މިއަދު ގިނަ ރައްޔިތުން ތިބީ ބިރުވެރިކަމުގެ ތެރޭގައި ކަމަށާއި ގިނަ ވަޒީރުން ވެސް ތިއްބެވީ އެހާލަތުގައި ކަަމަށެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ސަލާމަތާއި ރައްކާތެރިކަމެއް އަދި މިނިވަންކަމެއް ނެތް ކަމަށް ވެސް ދީދީ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާ ގޮތަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް ނަޝީދާއި މެދު ކަންތައް ކުރެވޭނެކަން ގަބޫލުކުރަން ދަތި ކަމަށް އެމްޑީޕީން ބުނާއިރު މިނިސްޓަރު އުމަރު ވިދާޅުވީ ނަޝީދު މާފުށީ ޖަލުގައި ހުންނަވާނީ އޭސީ ކޮށްފައި ހުންނަ ޖަލު އެޕާޓްމަންޓެއްގައި ކަމަށެވެ. އެމަނިކުފާނަށް ޚާއްސަކުރެވިގެން ހެދޭ ޖަލުގޮޅީގައި ކޮޓަރިއަކާއި ސިޓިންރޫމެއް ހިމެނޭ ގޮތަށް 264 އަކަފޫޓު ހުންނާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
އަދި އެތަނުގައި ފަރުނީޗަރާއި އޭސީއާއި ޓީވީ އަދި ވީސީޑީ ޕްލޭޔަރެއްގެ އިތުރަށް 1087 އަކަފޫޓުގެ ބަގީޗާއެއް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި،ެެވެ. މީގެ އިތުރަށް އެމަނިކުފާނު ދިރިއުޅުއްވާނީ ރައްޓެހި ގައިދީންނާ އެކު ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ މަފުށީ ޖަލުގައި އެމަނިކުފާނަށް ޚާއްސަކޮށްގެން ހަދާ ތަން ނިމެންދެން ދޫނިދޫގައި ބަހައްޓާފައެވެ. އެތަނުގެ މަސައްކަތް 7 ދުވަހާއި 10 ދުވަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި ނިމޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރާއިރު އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން ދެއްވާ ކަަމުގައި ވެސް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ