ރިލްވާން މައްސަލައިގައި ކުރެވެން ހުރި ހުރިހާ ކަމެއް އޮންނާނީ ކޮށްފައި: އުމަރު

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ކުރެވެން ހުރި ހުރިހާ ކަމެއް އޭރު ވެސް އޮންނާނީ ކޮށްފައި ކަމަށް، އެ ހާދިސާ ހިނގި އިރު ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އޮގަސްޓް، 2014 ގައި ރިލްވާން ގެއްލުވާލިތާ އިއްޔެ ވަނީ ހަ އަހަރު ވެފަ އެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ދުވަހު އުފެއްދެވި ކޮމިޝަނުން މިހާތަނަށް ކުރި ތަހުގީގަށް ފަހު ބުނެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރިލްވާން ވަގަށް ނަގައި މަރާލާފައިވާ ކަމަށެވެ.
ރިލްވާނަށް އިންސާފު ހޯދައިދޭން ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެ ރައީސް އިއްޔެ ކުރެއްވި ޓްވީޓްގެ ސްކްރީންޝޮޓަކާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އުމަރު ފޭސްބުކްގައި ލިޔުއްވާފައިވަނީ ރިލްވާންގެ މައްސަލައިގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާނެ ކަމަށާއި ދޮގާއި އޮޅުވާލުން އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއްނުވި ކަމަށެވެ. މިކަމާ ގުޅޭ ގޮތުން އުމަރު އިތުރަކަށް ވާހަކައެއް ނުދެއްކެވި އެވެ.
އެކަމަކު، އެ މައްސަލަ ތަހުގީގުކުރަމުން ދަނިކޮށް އެކަމަށް ޔާމީން ހުރަސްއެޅުއްވި ކަމުގެ ތުހުމަތުކުރެއްވި އެވެ. ނަމަވެސް އެކަމާ ގުޅިގެން އުމަރު އިތުރަށް ވާހަކައެއް ނުދެއްކެވި އެވެ. އަދި ރިލްވާންގެ މައްސަލައިގެ ތަހުގީގާ ބެހޭ ގޮތުން ޔާމީން އުމަރަށް ފޮނުއްވި ކަމަށް ބުނާ މެސެޖެއް ވެސް، އޭރުގެ ސަރުކާރުގައި ހިންގި ޚިޔާނާތުގެ އަމަލުތަކާ ގުޅޭ ގޮތުން އަލްޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ "ސްޓީލިން ޕެރަޑައިސް" އިން އާންމުކޮށްފައިވެ އެވެ.
ރައީސް ޔާމީން އުމަރަށް ކުރެއްވި މެސެޖް ކަމަށް ބުނެ އަލް ޖަޒީރާ އިން އާއްމުކުރި މެސެޖެއް
ރިލްވާން ގެއްލުނުތާ ހަ އަހަރު ފުރުމުން، ސޯޝަލް މީޑިއާގައި ރައީސް އާއްމުކުރެއްވި ޓްވީޓްގައި ވަނީ ރިލްވާނަށް އިންސާފު ހޯދައި ދިނުމުގެ ކަންކަން ހުއްޓާނުލައި މި ސަރުކާރުން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އެ މަނިކުފާނު އެކަމަށް ޔަގީންކަން ދެއްވީ، ރިލްވާން ގެއްލުވާލިތާ އިއްޔެ ހަ އަހަރު ފުރުނުއިރު ވެސް އިންސާފު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން އާއިލާ އިން ފާޅުކޮށްފައި ވަނިކޮށެވެ. މި ސަރުކާރު ވެރިކަމަށް އައީ އިންސާފު ހޯދައި ދިނުމުގެ ވައުދާ އެކުގައި ކަމަށް ވިޔަސް، އެއްވެސް ނަތީޖާއެއް ނެރެވިފައި ނެތް ކަމަށް އެ އާއިލާ އިން "ރާއްޖެ ޓީވީ" އަށް ދިން އިންޓަވިއުއެއްގައި އިއްޔެ ބުންޏެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރިލްވާންގެ މައްސަލައަށް އިންސާފު ނުލިބޭ ކޮންމެ ދުވަހަކީ އާއިލާ އަށް ލިބޭނެ އިތުރު ހިތްދަތި ކަމެކެވެ. އަދި އާއިލާގެ އެދުމާ އެއްގޮތަށް މިހާރު މަސައްކަތް ކުރަމުން ދަނީ ބޭރުގެ އިތުބާރު ހިފޭ އިންވެސްޓިގޭޓަރަކު ހިމަނައިގެން ތަހުގީގު ކުރިއަށް ގެންދަން ކަމަށް ރައީސްގެ ނޯޓުގައި ވެ އެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ފުރަތަމަ އުފެއްދި ކޮމިޝަނުން ރިލްވާންގެ މައްސަލަ ބަލައި، އާންމުކުރި ރިޕޯޓުގައިވާ ގޮތުން ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ރިލްވާން ވަގަށް ނަގައި، މަރާލީ އެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ދައުވާ ކުރެވި، ކުށް ސާބިތުވެފައެއް ނުވެ އެވެ.
Rilwan ah insaafu hoadhun hutta eh nulaane: Raees
Mihaaru
ނަމަވެސް ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރައިލުން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިދިޔަ އަހަރުގެ ފަހުކޮޅު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހެޅި އެވެ. މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ކަމަށް ބުނެ އެ މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ