އީރާނަށް ހަތިޔާރު ވިއްކުން ހުއްޓުވަން ސަލަމާތީ މަޖިލީހަށް ހުށަހެޅި ގަރާރު ފާހެއް ނުވި

އީރާނަށް ހަތިޔާރުވިއްކުން ހުއްޓުވުމުގެ މުއްދަތު އިތުރުކުރަން ސަލާމަތީ މަޖިލިސް މެދުވެރިކޮށް އެމެރިކާއިން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އީރާނަށް ހަތިޔާރު ވިއްކުން މަނާކޮށްފައި އޮތް އޮތުން އަންނަ އޮކްޓޫބަރު މަހު ހަމަވާނެއެވެ. މުއްދަތު ހަމަވުމުންވެސް ދަތިކުރުންތައް އިތުތުކުރަން އެމެރިކާއިން ބޭނުންވާތީ އިއްޔެ ވަނީ އެ ގަރާރު އަލުން ހުށަހަޅައި ވޯޓަށް އަހައިފައެވެ. އެ ގަރާރާ އެއްކޮޅަށް އެމެރިކާއާއެކު ވޯޓު ދިނީ ހަމައެކަނި ޑޮމިނިކަން ރިޕަބްލިކަންއިން އެކަންޏެވެ. ފްރާންސް، ޖަރުމަނު އަދި އިނގިރޭސިވިލާތް ހިމެނޭގޮތަށް ސަލާމަތީ މަޖިލީހުގެ ދެން ތިބި 11 މެމްބަރުން އެ ވޯޓުގައި ބައިވެރިއެއް ނުވެއެވެ. ރަޝިއާ އަދި ޗައިނާއިން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓު ދީފައެވެ. ޗައިނާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭންގް ޖުން ވިދާޅުވީ އެ ގަރާރަކީ ބުލީކުުރުމުގެ ކަމެއް ކަމަށާއި އެކަމަށް ގިނަ ބައެއްގެ ތާއިދުނެތްކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ. ގަރާރު ނާކާމިޔާބުވުމުން އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ ވިދާޅުވީ ދުނިޔޭގެ ސަލާމަތާ ހަމަޖެހުމަށް ސަލަމާތީ މަޖިލީހުން މަސައްކަތް ނުކުރާ ކަމަށާއި އަދި މިއީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. އެ ގަރާރަށް ތާއިދުކުރި ބައެއް އަރަބި ގައުމުތަކާއި އިސްރާއިލްއިން ބުނީ އީރާނުން މެދުއިރުމަތީގެ ހަމަނުޖެހުން ގެއްލުވާލުމަށް އިތުރަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ސަލާމަތީ މަޖިލީހުން އެކަމާ އަޅާނުލާނެކަމަށްވެސް އެގައުމުތަކުން ބުންޏެވެ.-- އަލްޖަޒީރާ--
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ