ސަރުކާރާ ދެކޮޅުވެގެން ކާމިޔާބީއެއް ނުލިބޭނެ: ގާސިމް
ސަރުކާރާ ދެކޮޅަށް މަސައްކަތް ކޮށްގެން އެއްވެސް ބަޔަކަށް ކާމިޔާބެއް ނުލިބޭނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވި ހާދިސާއާ ގުޅޭ ގޮތުން ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށްފަހު ބަޔަކު ނުވަތަ މީހަކު ވެރިކަމަށް އަންނަން އުޅުމުން އޭގެ ސަބަބުން އިގްތިޞާދާއި އިޖްތިމާއީ ދާއިރާއަށް ލިބޭ ނިކަމެތި ކަމަކީ "ހިތަށްވެސް ނުގެނެވޭވަރުގެ ނިކަމެތިކަމެއް" ކަމަށާއި ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށްގެން އެއްވެސް ބަޔަކަށް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. "ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށްގެން މިއަދު އެއްވެސް ބަޔަކަށް އަޅުގަނޑުމެންނަކަށް ކުރިއެރުމެއް ނުހޯދޭނެ. އަޅުގަނޑުމެން ދާނީ އިތުރަށް ނިކަމެތިވެ އަނިޔާ ލިބެމުން. އަޅުގަނޑުމެން ރައްޔިތުންނަށް މިއަދު ބަލިވެ ހޮސްޕިޓަލުގައި އޮތްކުއްޖާއަށް ޖަހާނެ އިންޖެކްޝަނެއް ނުލިބޭ ހިސާބަށް ގައުމުގެ ހާލަތު ނިކަމެތިވެގެން ހިނގައިދާނެ،" ގާސިމް ވިދާޅުވިއެވެ. އެފަދަ ކަމެއް އިތުރަށް ހިނގައި ނުދިއުމަށްޓަކައި އެކަން ކުރިބައެއް އިންސާފުގެ ކުރިމައްޗަށް ގެނެވެންޖެހޭ ކަމަށާއި އެކަންކުރީ ކޮންމެ މީހަކުކަމުގައި ވީނަމަވެސް ހައްޔަރު ކުރެވެންޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ. ސަލާމަތްކަން އޮތީ މުއައްސަސާތަކުން ގާނޫނާއި ގަވައިދުގައިވާގޮތުގެ މަތިން ވެރިން އަންގާގޮތަށް ކަންކަން ކުރުމުން ކަމަށާއި ގާސިމް ހުންނެވީ ރައީސް ޔާމީންގެ މަސައްކަތްތަކަށް އެއްބާރުލުން ދޭގޮތަށް ކަމަށް ގާސިމް މިރޭ ވިދާޅުވިއެވެ. "އަޅުގަނޑު ހިތުގެ އަޑިން އިހުލާސްތެރިކަމާއެކީގައި އަޅުގަނޑު މިހިރީ މިއަދުގެ ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދީގެން. އަޅުގަނޑު މިހިރީ އަބްދުﷲ ޔާމީނަށް އަޅުގަނޑަށް ކުރެވެން އޮތްހާ މަސައްކަތެއް އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއާއި އަދި އަޅުގަނޑުގެ ބަސް ގަބޫލްކުރާ ބައެއްގެ ފަރާތުން ފޫގަޅާފަ އިނގޭތޯ،" ގާސިމް ވިދާޅުވިއެވެ. ގާސިމް އިތުރަށް ވިދާޅުވީ، މިގައުމުގައި އިންވެސްޓްކުރުމަށް އިންވެސްޓަރުން އަންނާނީ ގައުމުގައި ސަލާމަތްކަން އޮވެގެން ކަމަށާއި އެެހެންކަމުން ރާއްޖެއަކީ ސަލާމަތްކަން އޮތް ގައުމެއްކަން ސާބިތުކުރަންޖެހޭ ކަމަށެވެ. މިރޭގެ އެ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ، މިހާދިސާއާއި ގުޅިގެން އިގްތިސާދަށް ކުރި އަސަރު އަދި ބެލޭވަރެއް ނުވާ ކަމަށާއި އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް އަސަރުކުރާނެ ކަމަށެވެ. އެހެންކަމުން ދުރާލައި ވިސްނައިގެން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ