އެންއައިސީގެ މެމްބަރު ކަމަށް ހުށަހެޅި ނަމެއް އަނބުރާ ގެނެސްފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް (އެންއައިސީ) އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކުގެ ތެރެއިން އެއް ނަންފުޅު އަނބުރާ ގެންގޮސްފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެންއައިސީއަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން އިއްޔެ މަޖިލީހަށް ފޮނުއްވެވި ފަސް ނަންފުޅުގެ ބަދަލުގައި ހަތަރު ނަމެއް އަލުން ފޮނުއްވާފައިވާ ކަމަށެވެ. އެންއައިސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ނަންފުޅުތަކަކީ ގަލޮޅު އަތަ ޔޫސުފް މާނިޢު މުޙައްމަދާއި، އައްޑޫ ސިޓީ މީދޫ ހަސަންކާރީގެ މުޙައްމަދު ފަރުޙާދާއި، މާޅޮސްމަޑުލު ދެކުނުބުރި އޭދަފުށީ ގުލިސްތާނުގެ ޙައްސާނު ޙަމީދާއި، ތިލަދުންމަތި ދެކުނުބުރި ނެއްލައިދޫ ދިލްސާދު އަލްއުސްތާޛާ ޚަދީޖާ ޢަބްދުﷲ އާއި މ. ހަވާއީ މަރްޔަމް ޒީނިޔާ އެވެ. އެގޮތުން ނަން އަނބުރާ ގެންދަވާފައި ވަނީ މ. ހަވާއީ މަރިޔަމް ޒީނިޔާގެ ނަންފުޅެވެ. އޭނާގެ ނަންފުޅު ގެންދެވި ސަބަބެއް ރައީސް އޮފީހަކުން ހާމައެއް ނުކުރައްވަ އެވެ. އެންއައިސީ ގާނޫނުގެ 9 ވަނަ މާއްދާގައި ބުނެފައި ވަނީ އެންއައިސީގެ މެމްބަރު ކަމަށް ފަސް މެމްބަރުން އައްޔަން ކުރައްވަން ޖެހޭނެ ކަމަށެވެ. އަދި އެ ކޮމިޝަނަން މެމްބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ. ނޭޝަނަލް އިންޓަގުރީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ އެވެ. އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓުމަންޓު އޮފް އިމިގުރޭޝަން އެންޑް އެމިގުރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ. ނޭޝަނަލް އިންޓަގުރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލާ ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ