ތަހުގީގަށް ދަނީ ކުރިއެރުންތައް ލިބެމުން: އުމަރު

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮވައި ހިނގި ހާދިސާގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް އެ މައްސަލަ ތަހުގީގުކުރަން އެކުލަވައިލި ނޭޝަނަލް އިންކުއަރީ ކޮމިޝަން ހިންގުމާ ހަވާލުވެ ހުންނެވި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. އުމަރު މިއަދު ސަން އަށް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުދަނީ ކުރިއަށް ކަމަށާއި ހަމައެހެންމެ ތަހުގީގަށް ކުރިއެރުންތައް ވެސް ލިބެމުން އަންނަ ކަމަށެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުން މިހާރު ވަނީ ބައެއް މީހުން ހައްޔަރުކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ވަކިއެއްޗެއް ފުލުހުން ބުނެފައެއް ނުވެއެވެ. ރިޔާސީ ލޯންޗުކޮޅުގައި ހިނގި ގޮވުމަކީ ދުރާލައި ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް އެ ހާދިސާ ތަހްގީގުކުރަން ރާއްޖެއައި ސްރީ ލަންކާގެ ތަހްގީގު ޓީމުން ވަނީ އެގައުމުގެ ނޫހަކަށް މައުލޫމާތުދީފަ އެވެ. ލަންކާގެ ސީއައިޑީ ދެ އޮފިސަރުން ހިމެނޭ ގޮތަށް ޖުމުލަ ހަތަރު މީހުންގެ ތަހްގީގު ޓީމާ ހަވާލަދީ އެ ގައުމުގެ ޑެއިލީމިރާގައި ބުނެފައި ވަނީ، ރިޔާސީ ލޯންޗުކޮޅުގެ ގޮވުމަކީ، ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވި ހާދިސާއެއް ކަމަށް ކުރިން ބެލެވުނު ނަމަވެސް، އެއީ ދުރާލައި ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށެވެ. މައުލޫމާތު ދިން ފަރާތާ ހަވާލާދީ އެ ނޫހުން ބުނީ، ގޮވާ ޒާތުގެ އެއްޗެއް ހަރުކޮށްފައި ވަނީ ފިނިފެންމާ ލޯންޗުގެ ކެޕްޓަން އިންނަ ސީޓުގެ ދަށުން ވީއައިޕީ ކެބިން ތެރޭގައި ކަމަށެވެ. އަދި އެ މައުލޫމާތު ދިވެހި ސަރުކާރާ ހިއްސާކޮފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ދަގާޑިއަން ނޫހަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް ދެއްވި އިންޓަވިއުއެއްގައި، ރައީސް އަވަހާރަކޮށްލުމަށް އެ ލޯންޗުގައި އެއްޗެއް ގޮއްވާލީ ކަމަށް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ