މޫސުން ގޯސްވާނެ، ސަމާލުވޭ: މެޓް އޮފީސް

ދިވެހިރާއްޖޭގެ ހުރިހައި ހިސާބަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން އެދިއްޖެއެވެ.
މިކަމާއި ގުޅިގެން މިއަދު އެ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން، މޫސުމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް އިލްތިމާސް ކުރާކަމަށެވެ.
އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގެ ކަނޑުތަކުގެ ބާނިތައް ބޮޑުވުމާއި ގުޅިގެން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ.
އާންމުގޮތެއްގައި  ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަށް ވައި ގަދަވާނެކަމަށާއި އަދި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުންނެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރަށް ވެފައި ކަނޑުތައް ގަދަވުމުގެ ސަބަބުން ދަނީ ކަނޑުމަތީގައި އެކިވަރުގެ ހާދިސާތައް ހިނގަމުންނެވެ. މިގޮތުން މިއަދުވެސް ވަނީ ނުވަ މީހުންނާއި އެކު މަހަށް ނުކުމެ އުޅުނު ދޯންޏެއް މޫސުން ގޯސްވުމުގެ ސަބަބުން އަޑިއަށްގޮސް އެ ދޯނިން ދަތުރުކުރި އެންމެން ކަނޑުވެފައެވެ. އެ މީހުން ސަލާމަތް ކޮށްފައިވަނީ އެމްއެންޑީއެފްއާއި އަދި އިތުރު މަސްދޯންޏެއްގެ އެހީތެރިކަމާއެކުއެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ