އިންޑިއާއާއި ޗައިނާގެ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވަދެގެން ނުވާނެ: އުމަރު

އިންޑިއާއާއި ޗައިނާގެ ޒަމާންވީ ވާދަވެރިކަމުގެ ދެމެދަށް ރާއްޖެ ނުފެތޭ ގޮތަށް ހާރިޖީ ސިޔާސަތު ބިނާ ކުރަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވެފައި މިވަނީ، އިންޑިއާއާ ދެކޮޅަށް ސަރުކާރާއި އިދިކޮޅު ސަޕޯޓަރުން މީސް މީޑިއާގައި ބޮޑު ކެމްޕޭނެއް ފަށާފައިވަނިކޮށެވެ. މީސް މީޑިއާގައި "އިންޑިއާ އައުޓް" ހޭޝްޓެގާއެކު ކެމްޕޭން ކުރަމުންދާއިރު، "ގައުމު ވިއްކާލުމާ ދެކޮޅަށް" މަގުމަތީ ހަރަކާތްތަކެއް ވެސް ޕީޕީއެމް އާއި ޕީއެންސީ ވަނީ ދާދިފަހުން ބާއްވާފައެވެ.
"ދިވެހި ޗެނަލް" ގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އުމަރު ނަސީރު ވިދާޅުވީ، އިންޑިއާއި ޗައިނާއަކީ ވެސް ވަރަށް ބާރުގަދަ ދެ ގައުމު ކަމަށާއި ރާއްޖޭގެ ރޯލަކަށް އޮންނަން ވާނީ ދެ ގައުމުގެ ވެސް އެހީގައި އިގްތިސާދީ ކުރިއެރުންތައް ހޯދުން ކަމަށެވެ.
ނަމަވެސް އެއިން ވަކި ގައުމެއްގެ މަސްލަހަތު އިސް ކުރާނަމަ އެތައް މައްސަލައެއް ކުރިމަތިވާނެ ކަން ފެންނަމުންދާ ކަމަށް އުމަރު ވިދާޅުވިއެވެ. މި ގޮތުން ރާއްޖެއަށް އިގްތިސާދީ ކުރިއެރުން ނުލިބި، ގައުމީ ސަލާމަތާ ގުޅުން ހުރި އެތައް މައްސަލައެއް ވެސް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރާއްޖޭގެ ހާރިޖީ ސިޔާސަތު އަބަދުވެސް ބިނާ ކުރަން ވާނީ މި ދެ ބޮޑު ބާރު [އިންޑިއާ އަދި ޗައިނާ] ގެ ދެމެދުގައި ރާއްޖެ ނުފެތި އޮންނަ ގޮތަކަށް. އެއްވެސް ކޮޅަކަށް ރާއްޖެ ޖެހިއްޖެނަމަ މި މައްސަލަ ނުކުންނާނެ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ، އެމްޑީޕީއާއި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވެސް ފެންނަމުން ދަނީ އެންމެ ރަނގަޅު ނަމޫނާއެއް ނޫން ކަމަށެވެ. އެމްޑީޕީގެ އެންމެ އިސް އެއް ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އިސް ލީޑާޝިޕްގެ ބޭފުޅުން ޗައިނާއަށް ފާޑުވިދާޅުވިއިރު، އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ގެންދަވަނީ އިންޑިއާއަށް ފާޑުވިދާޅުވަމުން ކަމަށް ވިދާޅުވިއެވެ.
"ވަރަށް ގިނައިން ފެނޭ ރައީސް ނަޝީދު ޗައިނާއަށް ހަމަލާ ދެއްވަނިކޮށް. މިއީ ވަރަށް ގޯސްކަމެއް. އެއްގޮތަކަށް ވެސް ޗައިނާއަށް ހަމަލާދީގެން ނުވާނެ. އަޅުގަނޑުމެނަށް ފެނޭ އިދިކޮޅު ބައެއް ފަރާތްތަކުން އިންޑިއާއަށް ޒާތީގޮތުން ވާހަކަ ދައްކާތަން ވެސް. އެއީވެސް ގޯހެއް،" އުމަރު ވިދާޅުވިއެވެ.
އެެހެންވިޔަސް ރާއްޖެ ފަދަ ގައުމެއްގައި އިންޑިއާ ފަދަ ބޮޑު އިގްތިސާދެއްގެ ސިފައިން ތިބުން ބަލައިގަނެވެން ނެތް ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. ޗައިނާއާއި އިންޑިއާގެ ބާރުގެ ދަށަށް ރާއްޖެ ނުދާނެ ގޮތަށް ސިޔާސަތުތައް ގެންގުޅެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ބޭފުޅުން ގެންދަވަނީ ވަރަށް ބޮޑަށް އިންޑިއާއަށް ފާޑުވިދާޅުވެ އަދި ޗައިނާއަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. އަދި ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ އިންޑިއާއަށް ތައުރީފް ކުރައްވައި ޗައިނާއަށް ފާޑުވިދާޅުވަމުންނެވެ.
މީގެ އިތުރުން އެމްޑީޕީގެ ހަރަކާތްތަކާއި ސަރުކާރުގެ އިސް ބޭފުޅުންނަށް އިންޑިއާއިން ހަރަދު ކުރައްވާ ކަމުގެ ތުހުމަތު ވެސް ކުރެވިފައިވެއެވެ. ޗައިނާއިން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ހަރަކާތްތަކަށް ހަރަދު ކުރާ ކަމުގެ ތުހުމަތު ވެސް ކުރެވިފައިވެއެވެ. ހުރިހާ ފަރާތަކުން ގެންދަވަނީ ވެސް މި ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.
މި ދެ ގައުމުން ވެސް ރާއްޖެއަށް ބޮޑެތި ލޯނު އަދި ހިލޭ އެހީ ދީފައިވާ އިރު، މިދިޔަ ސަރުކާރާއި މި ސަރުކާރުގައި ވެސް ހާރިޖީ ސިޔާސަތުގެ ހަމަހަމަކަން ނެތި، ޗައިނާ އާއި އިންޑިއާގެ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވަންނާނެ ފަދަ ގޮތަކަށް ސިޔާސީ ލީޑަރުންގެ ނިންމެވުންތަކާއި ވާހަކަފުޅުތައް ހުންނެވި ކަމަށް ހާރިޖީ ގުޅުންތައް ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ