ބުއްދި ގަބޫލުކުރާ ޖަވާބެއް ދެއްވުމަށް ރައީސް މައުމޫން ރައީސް ނަޝީދު އަރިހުން އެދިއްޖެ

ކުރީގެ ރައީސް މައުމޫން ވަނީ 2007 ވަނަ އަހަރުގެ ނިޒާމުގެ ވޯޓު "ކަނޑައެޅިގެން އޮޅުވާލާފައި" ކަމަށާއި ރައީސް މައުމޫނަށް "މުޅި ހަޔާތުގައި ވެސް ވަގު ނުޖެހުނީ 2008 ގެ ވޯޓްގައި" ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވުމުން މިއަދު ރައީސް މައުމޫން ރައިސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.
އާއްމުކޮށް ރައީސް މައުމޫންގެ ބަސްމަގު ހުންނަގޮތާއި ހިލާފަށް ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް ދެއްވަމުން ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ފުރަތަމަ ވެސް ވިދާޅުވީ އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ" ކަމަށެވެ.
އެހެންވިދާޅުވުމަށް ފަހު ރައީސް މައުމޫން ވަނީ ރައީސް ނަޝީދަށް ސުވާލެއް ކުރިމަތި ކުރައްވާފައެވެ. އެއީ 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯއެވެ. އެ ސުވާލަށް ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވުމަށް ރައީސް މައުމޫން ރައީސް ނަޝީދު އަރިހުން އެދިވަޑައިގެންނެވިއެވެ.
ރާއްޖޭގައި އޮންނަން ފެންނަނީ ވެރިކަމުގެ ކޮން ނިޒާމެއްތޯ ބަލަން ރައީސް މައުމޫންގެ ވެރިކަމުގައި 2007 ވަނަ އަހަރު ނެގި ވޯޓްގައި، %62 މީހުން ތާއިދު ކުރީ ރިޔާސީ ނިޒާމަކަށެވެ. %37 މީހުން ބަރުލަމާނީ ނިޒާމަކަށް ތާއިދު ކުރިއެވެ. ނިޒާމީ ވޯޓްގައި އެމްޑީޕީން ތާއިދު ކުރީ ބަރުލަމާނީ ނިޒާމަކަށެވެ. ރައީސް މައުމޫނާއި އޭރު އެމަނިކުފާނުގެ ޕާޓީ ޑީއާރްޕީން ތާއިދު ކުރީ ރިޔާސީ ނިޒާމަކަށެވެ.
ރައީސް ނަޝީދު އޭރުވެސް އަދި މިހާރުވެސް ތާއިދު ކުރައްވަނީ ބަރުލަމާނީ ނިޒާމަކުން ރާއްޖޭގެ ވެރިކަން ކުރެއްވުމަށެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި ރާއްޖޭގެ ކަންކަން އެންމެ ރަނގަޅަށް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ