ގޭގައި މަސައްކަތްކޮށް އާމްދަނީ ހޯދާ މީހުން ވިޔަފާރި ރަޖިސްޓަރީ ކުރާކަށް ނުޖެހޭ

ގޭގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީ ކުރަން ނުޖެހޭ ކަމަށް އެ މިނިސްޓްރީ އިން ބުނެފިއެވެ.
އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގައިވާ ގޮތުން ގޭގައި ތިބެގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ފަރާތްތަކުން އެ ފަރާތްތަކުގެ ވިޔަފާރި މިނިސްޓްރީގައި ރަޖިސްޓަރީ ކުރުމުން އިސްތިސްނާ ވެގެންވާ ކަމަށެވެ.
އެގޮތުން، އަމިއްލަ ގޭގަ ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށް ދިނުމަކީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން އިސްތިސްނާވާ ވިޔަފާރިއެއް ކަމަށް ވިސާމް ފާހަގަކުރެއްވިއެވެ. އެ މަސައްކަތް ވާންޖެހޭނީ އެއްވެސް މުވައްޒަފަކާއި ނުލައި މަސައްކަތް ކުރާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ވެސް ވިސާމް ވަނީ ފާހަގަކޮށްފައެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް މިކަން ފާހަގަކުރައްވާ ޓްވީޓްކުރެއްވިއިރު، އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ މިހާލަތާއި ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޗްޕީއޭއަށް އެކަމާގުޅޭ ގައިޑްލައިނެއް ނެރެވިދާނެ ކަމަށާއި މިކަމުގެ މަޝްވަރާތައް މިނިސްޓްރީ އިން އެޗްޕީއޭ އާއެކު ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީ އިން ނެރެފައިވާ ބަޔާނުގައި އެ މިނިސްޓްރީ އިން ވަނީ ގޭގައި ކާބޯތަކެތި ތައްޔާރުކޮށް އާމްދަނީއެއް ހޯދުމަށްޓަކައި ވިއްކާ ފަރުދުންވެސް، އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާ ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ބުނެފައެވެ.
ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން، ރާއްޖޭގެ އާބާދީގެ ގިނަ ބައެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރަމުން ދާތީ، ގޭގައި ތިބެގެން މަސައްކަތްކޮށް، އާމްދަނީ ހޯދަމުންދާ ފަރާތްތަކަށް މިނިސްޓްރީ އިން މަރުހަބާ ކިޔާފައިވާއިރު، އެ ފަރާތްތަކުން އާމްދަނީ ހޯދުމަށް ފަށާފައިވާ މަސައްކަތް އިތުރަށް ފުޅާކޮށް، އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ކުންފުންޏެއް ނުވަތަ ޕަރޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް ޚިޔާރު ކުރާނަމަ، އެ ކަމަށް މިނިސްޓްރީ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީ އިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ