ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމަށް އަލަށް ތަޢާރަފްކުރި އުޞޫލުގައިހުރި ބޮޑެތި މައްސަލަތަކާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި

ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލް ކަނޑައެޅުމަށް އަލަށް ތަޢާރަފްކުރި އުޞޫލުގައިހުރި ބޮޑެތި މައްސަލަތަކާ ގުޅިގެން ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްބަޔާނެއް ނެރެފިއެވެ.
ރޭނެރުނު ބަޔާނުގައި ބުނެފައިވަނީ އެއުޞޫލު" އަކީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ޕްރިންސިޕަލުންގެ ޙައްޤުތައް ނިގުޅައިގަނެ ވަޒީފާގެ ރައްކާތެރިކަން ގެއްލި، ވަޒީފާއާބެހޭ ޤާނޫނާއި ސިވިލް ސާރވިސް ޤާނޫނާއި ފުށުއަރާ އުޞޫލެއްކަމަށެވެ.  މި އުޞޫލުގެ ސަބަބުން ދިވެހި ޕްރިންސިޕަލުން ތަޢުލީމީ ދާއިރާ ދޫކޮށްލާފާނެކަމުގެ ކަންބޮޑުވުން އުފެދި  ޤާބިލު ޕްރިންސިޕަލުން ލިބުން ދަތިވެ، ސްކޫލްގެ ހިންގުން ދަށްވެ، ދަރިވަރުންގެ ކިޔެވުމަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކާމެދު ބެލެނިވެރިންނާއި ޓީޗަރުން ކަންބޮޑުވާކަމަށެވެ.
އަދި މިއުޞޫލުގެ މަޤުޞަދުގެ ތެރޭގައި ،ދިގު މުއްދަތަކަށް އެއްސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ޙައްލުހޯދުންކަމަށް ބުނެފައިވީނަމަވެސް، ދިގު މުއްދަތަކަށް ޕްރިންސިޕަލުން މަސައްކަތްކޮށްފައިވާ ގިނަ ސްކޫލްތަކަކީ ރާއްޖޭގައި ކާމިޔާބު ސްކޫލްތަކުގެ ލިސްޓްގެ އެންމެ ކުރީގައި ގުނާލެވޭނެ ސްކޫލްތަކެވެ.އެ އުޞޫލުގައި، ގިނަ ދުވަހު ޕްރިންސިޕަލުން ތިބޭ ސްކޫލްތަކުގައި ނޭދެވޭ މައްސަލަތައް އުފެދޭކަމަށް ބަޔާންކޮށްފައިވަނީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތިކަން ފާހަގަ ކޮށްފައިވެއެވެ. 
ދިވެހި ސިވިލް ސަރވިސް ހިންގަންވާނީ ސިޔާސީ މަސްލަޙަތުތަކުން އެކަހެރިވެފައިވާ، ވަކި ފަރާތެއްގެ ނުފޫޒަށް ތަބާނުވާ އަދި ވަކި ފަރާތެއްގެ ރުހުން ހޯދަން މަސައްކަތްނުކުރާ، ޕްރޮފެޝަނަލް މިންގަނޑުތަކަކުން ޚިދުމަތް ފޯރުކޮށްދޭ، އަދި މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ނުގެންގުޅޭ،މަސައްކަތުގެ މާހައުލެއްގައިކަމަށް، ސިވިލް ސަރވިސްގެ ޤާނޫނުގެ 5ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި  މި އުޞޫލުގެ ސަބަބުންއިސްވެ ބަޔާން ކުރެވުނުފަދަ މާޙައުލެއް ނޯންނާނެކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.  
އަދި މިއުޞޫލަކީ އެއްވެސް ޤާނޫނީ ބެލެނިވެރިކަމެއް ލިބިފައި ނެތް، ވަޒީފާއާއިބެހޭ ،ޤާނޫނުއަސާސީއާއި ވަޒީފާއާބެހޭ ޤާނޫނާއި ސިވިލް ސަރވިސްގެ ޤަވާއިދުތަކުން މަނާކޮށްފައިވާ އެތައްކަމެއް، ކުރުމަށް ފުރުޞަތު ހުޅުވާލެވޭ އުޞޫލެއްކަމާއި  "ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލް ކަނޑައަޅާ ކޮމިޓީ" އަށް ދީފައިވާ ބާރުތަކަކީ ސިވިލްސަރވިސްގެ ޤާނޫނާވެސް ފުށުއަރާ،އަދި ކޮރަޕްޝަނާއި މަގާމުގެ ނުފޫޒުގެބޭނުންކުރުމަށް މަގުފަހި ކޮށްދޭނެ ބާރުތަކެއްކަންވަނީ ފާހަގަކުރައްވާފައެވެ. 
 ސަރުކާރުން އަލަށް ތަޢާރަފްކުރި މި އުޞޫލްގެ ސަބަބުން، ޕްރިންސިޕަލުންގެ ވަޒީފާގެ ބިރުވެރިކަން ބޮޑުވެ، ނޭދެވޭ ނުފޫޒުތައް އިތުރުވެ، ތަޢުލީމީ ދާއިރާއާމެދު މާޔޫސްވެ ،ދިވެހި ގިނަ ޕްރިންސިޕަލުން ތަޢުލީމީ ދާއިރާ ދޫކޮށްލާނެކަމުގެ ކަންބޮޑުވުން އުފެދިފައިވާތީއާއިމި އުޞޫލްގެ ސަބަބުން، ތަޢުލީމީ ދާއިރާ ހަރުދަނާވުމުގެ ބަދަލުގައި ދާއިރާ އިތުރަށް ހީނަރުވެ، ސްކޫލްތަކުގެ ހިންގުން އިންތިހާއަށް ބޮއްސުން ލައިގެންދާނެކަމެއް ކަމަށް ފެންނާތީ،ދިވެހި ހީވާގި ޕްރިންސިޕަލުންގެ ވަޒީފާގެ ޙައްޤުތައް ރައްކާތެރިކޮށް، އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރައްވާ، މިއުޞޫލާމެދު ޕްރިންސިޕަލުންގެ ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރެއްވުމަށާއި މިއުޞޫލު ތަންފީޒު ނުކުރުމަށް ސަރުކާރަށް މިދެޕާޓީން ވަނީ ގޮވާލަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ