ކޮވިޑުގެ ސަބަބުން ވިޔަފާރިތަކަށް ލިބުނު ގެއްލުންތައް އިޔާދަކޮށްދިނުމަށް ގޮވާލައި ޖާބިރުގެ ގަރާރެއް މަޖިލީހަށް

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުންތައް އިޔާދަކޮށްދިނުމަށް ސަރުކާރަށް ލާޒިމުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅަން ފޮނުވައިފިއެވެ.
ޖާބިރު މަޖިލީހަށް މި ގަރާރު ހުށަހަޅުއްވަން ފޮނުއްވާފައި މިވަނީ، ކޮވިޑާ ގުޅިގެން ލިބުނު ގެއްލުމުން އަރައިގަތުމަށް ވިޔަފާރިތަކަށް ސަރުކާރުން ލޯނު ދޫކުރާ ޕްރޮގްރާމުގެ ދަށުން މިހާތަނަށް އެތައް މިލިއަން ރުފިޔާއެއް ދޫކޮށްފައި ވަނިކޮށެވެ.
ޖާބިރު މަޖިލީހަށް ފޮނުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފެތުރެން ފެށި ކޮވިޑުގެ ސަބަބުން ދުނިޔޭގެ ވައިގެ ބަނދަރުތައް ހުއްޓި، މިދިޔަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ބޯޑަރުތައްވެސް ބަންދުކޮށް އޭޕްރީލް 15 އިން ފެށިގެން މާލެ ލޮކްޑައުންކުރި ކަމަށެވެ.
އެއާއެކު ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސުވެނިއާ ޝޮޕްތަކުގެ އިތުރުން ދިވެހި އިގުތިސާދުގެ ކުދި، މެދު އަދި ފުޅާ ދާއިރާއެއްގައި ހިންގަމުންދާ ވިޔަފާރިތައް ކުއްލި ގޮތަކަށް ހުއްޓުމަށް މަޖުބޫރު ކުރެވިގެންދިޔަ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުއްލި ލޮޅުމެއް އައިސް އިނދަ ޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެ ވިޔަފާރިތަކަކީ، އެތަކެއް އާއިލާތަކާ ގުޅިފައިވާ ވިޔަފާރިތަކެއް ކަމަށާއި ވިޔަފާރިތައް އިނދަޖެހުމުގެ ސަބަބުން އެ އާއިލާތަކުގެ ދުވަހުގެ ކޮއްތު ނުލިބޭ ފަދަ އަނދަވަޅަކަަށް ހާލަތު ގޯސްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން ކޮވިޑުގެ ސަބަބުން ވިޔަފާރިތަކުގެ އޮޕަރޭޝަން ހުއްޓި، ވިޔަފާރިތަކަށް ކުރިަމތިވެފައިވާ ގެއްލުންތައް ސަރުކާރުން ފުރިހަމައަށް އެސެސްކޮށް ދައުލަތުގެ އެންމެހައި ވަސީލަތްތައް ބޭނުންކޮށްގެން އެ ވިޔަފާރިތަކަށް ލިބިފައި ހުރި ގެއްލުންތައް އަލުން އިޔާދަކުރުމަށް ސަރުކާރަށް ލާޒިިމު ކުރުމަށް އެ ގަރާރުގައި ވަނީ ގޮވާލައިފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ