ނޭފަތް ނިވާ ނުވާ ނަމަ މާސްކުގެ ބޭނުމެއް ނެތް

ކޮރޯނާވައިރަހާ އެކު ފޭސް މާސްކަކީ މިހާރު މަޖުބޫރު އެއްޗެކެވެ. އެކަމަކު މިވެސް ނަމަކަށް އަޅައިގެން އުޅޭ މީހުން ބައިވަރެވެ. މީގެ ތެރެއިން އެއްބަޔަކީ ނޭފަތް ނުފޮރުވޭ ގޮތަށް، ހަމައެކަނި އަނގަމަތީގައި މާސްކް އަޅައިގެން އުޅޭ މީހުންނެވެ. މިހެން މާސްކް އެޅިޔަސް ލިބޭ ރައްކާތެރިކަމެއް ނެތެވެ.
ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދެއްވާ ގޮތުގައި މާސްކް ރަނގަޅަށް އަޅައިގެން ހުންނަ ނަމަ އަނގަޔާ އެކީ ނޭފަތް ވެސް ހުންނަން ވާނީ ނިވާވެފަ އެވެ. އެހެން މީހުންގެ ފަރާތުން ތިމާއަށް ރައްކާތެރިކަން ލިބުމާއި ތިމާގެ ފަރާތުން އެހެން މީހުންނަށް ވެސް ރައްކާތެރިކަން ލިބޭނީ މާސްކް އަޅަން ޖެހޭ ގޮތަށް އަޅައިގެންނެވެ.
އަނގަމައްޗާއި ނޭފަތް ރަނގަޅަށް ނިވާވާ ގޮތަށް މާސްކް އަޅަން އިރުޝާދު ދެނީ އެ ދެ ގުނަވަނަކީ އިންސާނާގެ ހަށިގަނޑަށް އެންމެ ފަސޭހައިން ޖަރާސީމު ވަދެ، ނުކުންނަ ދެ ގުނަވަނަށްވުމެވެ. އެހެންވެ ހަމައެކަނި އަނގަތި މާސްކަކުން ނިވާކޮށްގެން ހުރުމަކުން ލިބޭނެ މާ ބޮޑު ރައްކާތެރި ކަމެއް ނެތެވެ.
ކޮވިޑް-19 ފަދަ ފަސޭހަ އިން ގައިން އަރާ ބައްޔެއް ފެތުރުން ކޮންޓްރޯލްކުރެވޭނީ މާސްކް ފަދަ ތަކެތި ބޭނުންކުރާ ޖެހޭ ގޮތަށް ބޭނުންކޮށްގެންނެވެ. އެހެން ނޫން ނަމަ އެ ވާނީ މާނައެއް ނެތް ކަމަކަށެވެ.
ގައިންގަޔަށް އަރާ ބަލިތަކާ ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ޕެންޒިލްވީނިއާ ސްޓޭޓް ޔުނިވަސިޓީގެ ޑރ. އެލިޒަބަތު މެކްގްރޯ ވެސް މި ވީޑިއޯގައި މި ކިޔައިދެއްވަނީ މާސްކުން ނޭފަތް ވެސް ނިވާކުރަން ޖެހޭ ސަބަބުތަކެވެ.
އޭނާ ވިދާޅުވާ ގޮތުގައި އެހެން މީހުންނާ ބައްދަލުވެ ނުވެ ގައިގޯޅިވުން ފަދަ ކަންކަން ކުރެވޭ ނަމަ ކޮވިޑް-19 އިން ރައްކާތެެރިކަން ކަށަވަރުކުރެވޭނެ އެންމެ މުހިއްމު އެއް ގޮތަކީ ރަނގަޅަށް އަނގަޔާއި ނޭފަތް ނިވާވާ ގޮތަށް މާސްކް އެޅުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ