"ބަޑި ޖަހަން މައުމޫން އަމުރެއް ނުކުރައްވާ"

މީގެ 17 އަހަރު ކުރީން މާފުށީ ޖަލުގައި މ. އޭޝިއާ، ހަސަން އީވާން ނަސީމް މަރާލި ހާދިސާއާ ގުޅިގެން ޖަލުގައި އައި ބަޑިޖެހި ހާދިސާގައި ހަތިޔާރު ބޭނުން ކުރަން ރައީސް މައުމޫން އަދި އޭރުގެ ސިފައިންގެ ވެރިޔާ އަމުރު ކުރައްވާފައި ނުވާ ކަމަށް އޭރު ސިފައިންގެ އިސް އޮފިސަރެއްގެ ގޮތުގައި ހުންނެވި ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެެ އެވެ.
އީވާން ނަސީމް މަރާލީ ސެޕްޓެމްބަރު 19، 2003 ގައި ޖަލުގައި އޭރު ޖަލު ބެލެހެއްޓި ސިފައިން ތަޅައި އަނިޔާ ކޮށްގެނެވެ. ޖަލުގައި ބަޑި ޖަހައި ބަޔަކު މަރުވެ ބަޔަކު ޒަހަމްވީ ޖެހިގެން ސެޕްޓެމްބަރު 20، 2003 ގައެވެ. ހަމަ އެ ދުވަހު މާލޭގައި ވެސް ހަމަނުޖެހުން ހިންގާ ތަނަށް ގެއްލުން ދިނެވެ.
ކުރީގެ މަޖިލިސް މެންބަރު، ބްރިގޭޑިއޭ ޑީޑީ ވިދާޅުވީ ބަޑިޖެހި ހާދިސާގައި ލީތަލް ހަތިޔާރު ބޭނުން ކުރަން އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަމުރު ކުރައްވާފައި ނުވާ ކަމަށެވެ. ޑީޑީ އެހެން ވިދާޅުވީ ޖަލުގައި ބަޑި ޖެހީ ރައީސް މައުމޫންގެ އަމުރަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ތުހުމަތު ކުރެއްވުމުންނެވެ. ނަމަވެސް ޑީޑީ ވިދާޅުވީ، މަޖިލީހުގެ މެންބަރަކަށް ހުންނަވާ އެނގިވަޑައިނުގަންނަވާ ކަންކަމުގައި މީހުންގެ ބޮލުގައި އިލްޒާމް އަޅުވައިގެން ނުވާނެ ކަމަށެވެ.
"އޭރު ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ އޮފިސަރަކަށް، ކަން ދިމާވި ގޮތުން ހުރީ އަޅުގަނޑު، ރައީސް މައުމޫން އެއްވެސް އަމުރުފުޅެއް ނުކުރައްވާ، ގައިދީންނާ ދެކޮޅަށް ލީތަލް ހަތިޔާރު ބޭނުން ކުރުމަކަށް." ޑީޑީ ވިދާޅުވި އެވެ.
އީވާން ނަސީމުގެ މަރުގެ މައްސަލާ އާއި ޖަލުގައި ބަޑިޖެހި ހާދިސާ ތަހުގީގު ކުރުމަށް ރައީސް މައުމޫނބް އެކުލަވައިލި ރިޔާސީ ކޮމިޝަނުގެ ރިޕޯޓްގެ މައްޗަށް ބަލައި ހުޅުވާލެވިފައިވާ ޝަރީއަތެއް ދަރުބާރުގޭގައި ހިންގާ ކުށްވެރިވާ ފަރާތްތަކަށް އަދަބު ދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ