18 އަހަރު ނުވާ ފިރިހެން ކުއްޖަކަށް 18 އަހަރު ނުވާ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ފެންމަތިވެއްޖެ

މާލެ ސަރަހައްދުގައި 18 އަހަރު ނުފުރޭ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަން ފަށައިފިއެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އިން ބުނީ އިއްޔެ ހަވީރު، މާލެ ސަރަހައްދުން، 18 އަހަރުން ދަށުގެ ކުޑަ ކުއްޖެއް ބަލިވެ އިންކަން އެ ސާވިސް އަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެކަމުގައި ދެން ޝާމިލް ވަނީ ވެސް 18 އަހަރުން ދަށުގެ ކުއްޖެއް ކަމަށް ސީއެފްޕީއެސްއިން ބުނެއެވެ.
އެ ދެކުދިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އިތުރަށް ބަލަންޖެހޭ ބެލުންތައް އެ ސާވިސްއިން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންދާ ކަމަށް ސީއެފްޕީއެސްއިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ދިވެހި ފުލުހުންގެ ހިދުމަތާއިއެކު ދެކުދިންގެ ވެސް ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ސީއެފްޕީއެސްއިން ބުނެއެވެ.
ސީއެފްޕީއެސްއިން ބުނީ ކުދިންގެ އާއިލާއަށް ބޭނުންވާ ނަފްސާނީ އިޖްތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ސީއެފްޕީއެސްގެ އިޖްތިމާއީ ހިދުމަތްތެރިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
އެ މައްސަލައިގައި ހިމެނެނީ ކުޑަކުދިން ކަމަށްވާތީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް މައުލޫމާތު ހާމަނުކުރުމަށް ސީއެފްޕީއެސްއިން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ