މިދިޔަ އޮގަސްޓް މަހު ދައުރުވި ކުރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އޯޑިއޯތަކުގެ މައްސަލައިގައި އެބޭފުޅާ ސަސްޕެންޑުކޮށްފި އެވެ
ކުރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސް ހެދުމަށް ފުލުހުންނަށް ހުށަހެޅި އެވެ. އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްގެ ނަތީޖާއިން ގާޒީ ފާއިޒުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯއަކީ ޓެމްޕާ ކޮށްފައިވާ އޯޑިއޯއެއްކަމުގައިވިޔަސް، އެ އޯޑިއޯގައިވާ އަޑާއި އެބޭފުޅާގެ އަޑާ ދިމާވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
އަދި ގާޒީ ފާއިޒު އެ ބޭފުޅާގެ އަޑުކަމާމެދު އިންކާރުކުރިކަމުގައިވިޔަސް، އެ މައްސަލަ ޖޭއެސްސީގެ އިސްނެގުމަށް ތަހުގީގުކުރުމަށް ނިންމައި ތަހުގީގު ކޮމިޓީއެއް ވަނީ އެކުލަވާލައިފަ އެވެ.
ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން ތަހީގުކުރަން ނިންމާފައިވާ، ގާޒީ ފާއިޒުގެ ސުލޫކީ މައްސަލައާ ގުޅިގެން، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، މާދަމާއިން ފެށިގެން ވަގުތީ ގޮތުން ދެ މަސް ދުވަހަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، ގާޒީ ފާއިޒަށް އެންގުމަށް ފެންނަކަމަށް މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ، އެ މައްސަލައިގެ ބާވަތަށާއި ތަހުގީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
އެ ކޮމިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުން، ލީކުކޮށްލި ގާޒީ ފާއިޒުގެ އޯޑިއޯގައި އެބޭފުޅާ ދައްކާފައި ހުރި ވާހަކަތަކަށް ބަލައި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ހިންގި ޝަރީއަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާ ކަމަށް ނުވަތަ ބައްދަލުކުރަން އެދިފައިވާ ކަމަށް ނުވަތަ އެ ޝަރީއަތަށް ނުފޫޒުފޯރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމަށް ބުނެފައެއް ނުވެ އެވެ.
ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ގާޒީ ފާއިޒު ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ