177 ބިޔަރު ދަޅު ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

177 ބިޔަރު ދަޅު ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްްކަތްތަކުގެ ތެރެއިން، ކ. ގުރައިދޫގައި ހިންގި އޮޕަރޭޝަނެއްގައި ބިޔަރު ދަޅުތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެތަކެތި ހޯދާފައިވަނީ ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 28 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން، އެ ރަށުގެ ހުސްބިމެއް ބަލައި ފާސްކޮށް ގޯނިތަކެއްގައި ފޮރުވާފައިހުރި 177 ބިޔަރު ދަޅު ހޯދާފައިވެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ގުރައިދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައިވާއިރު ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޮޑެތި އަދަދުން މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އެގޮތުން އިއްޔެވެސް ވަނީ 86 މައްސަލައެއްގައި ހިމެނޭ 296 ފުޅި ބަނގުރަލާއި 2418 ބިޔަރު ދަޅު ދޫނިދޫގައި ނައްތާލާފައެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ އިއްޔެ ނައްތާލާފައިވާއިރު، 314 ކިލޯގެ މަސްތުވާތަކެތިވެސް ނޫސްވެރިންގެ ހާޒިރުގައި ނައްތާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ