އަދިވެސް މޫސުން ގޯސް، އަށް އަތޮޅަކަށް ވައިޓް އެލާޓް!

ހުޅަނގު މޫސުމާ ގުޅިގެން ކުރަމުންދާ ވިއްސާރައިގައި މިއަދުވެސް، އަށް އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ގުގުރުމާއެކު ބޯކޮށްވާރޭވެހޭނެތީ ފ އަތޮޅުން ފެށިގެން ސ އަތޮޅުގެ ސަރަހައްދުތަކަށް މިއަދު ހެނދުނު 08:30 އިން މެންދުރު ފަހު 14:30 ގެ ނިޔަލަށް ވައިޓް އެލާޓް ނެރެފައެވެ.
އެއިދާރާއިން ބުނިގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށެވެ. އަދި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނޭ ކަމަށްވެސް ލަފާކުރެވޭ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
އެގޮތުން އުތުރު އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާ 10 މޭލު ދެމެދުގެ ބާރުމިނުގައި، މެދުތެރެއާއި ދެކުނު އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 10 މޭލާ 18 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން އުތުރުއަތޮޅުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށާއި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް ވެސް އެއިދާރާއިން ވަނީ ބުނެފައެވެ. އަދި ބޯކޮށް ވާރޭވެހިދާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އެދިލައްވާފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާއިރު މިއަދަކީ ހުޅަނގު މޫސުމުގެ ފަނަރަ ވަނަ ނަކަތް ކަމަށްވާ ހޭނަކަތުން 11 ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ