މޯލްޑިވިއަން އަށް ފައިސާ ދެއްކުން ލަސްވަނީ ސަރުކާރުން ލިބެން ޖެހޭ ފައިސާ ލަސްވާތީ- ޕީޕީއެމް

މޯލްޑިވިއަން އަށް ޕީޕީއެންއިން ދައްކަން ޖެހޭ 4،8 މިލިއަން ރުފިޔާއިން މިހާރު ނުދެއްކިވާ ފައިސާ ކަމަށްވާ 3.8 މިލިއަން ރުފިޔާ ނުދެއްކި ލަސްވަނީ ސަރުކާރުން ޕީޕީއެމްއަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މޯލްޑިވިއަން އަށް ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން 3.8 މިލިއަން ރުފިޔާ އަދި ނުދެއްކި އޮންނާނީ. އެފައިސާ ޕާޓީގެ ހާލަތު އޮތް ގޮތުން ނުދެއްކިމިވަނީ" އަބްދުއްރަހީމް ވިދާޅުވިއެވެ.
މޯލްޑިވިއަންއަށް ދައްކަން ޖެހޭ ފައިސާ ދިނުން ލަސްވާ ސަބަބު ބަޔާންކޮށްދިނުމަށް އެދި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ޕީޕީއެމް އަށް ލިބެން ޖެހޭ 8  މިލިއަނަށް ވުރެއް ރުފިޔާ އެބަހުރި ކަމަށާއި އެފައިސާ ނުލިބި އޮއްވާ މޯލްޑިވިއަންއަށް ފައިސާ ނުދެއްކޭނެ ކަމަށެވެ.
"ދެން ސަރުކާރުން އަޅުގަނޑުމެންނަށް ދޭން ޖެހޭ ފައިސާ ނުދީ އޮތިމަ ކިހިނެތްތޯ އަޅުގަނޑުނެން ސަރުކާރަށް ފައިސާ  ދައްކާނީ. އެހެންމަ ސަރުކާރުން އަޅުގަނޑުމެންނަށް ފައިސާ ދިނީމަ ނޫންތޯ އަޅުގަނޑުމެންނަށް ސަރުކާރަށް ފައިސާ ދެއްކޭނީ. އެހެންނޫންތޯ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސިޔާސީ ޕާޓީތަށް ހިންގުމަށް އިލެކްޝަން ކޮމިޝަން މެދުވެރިކޮށް ސަރުކާރުން ފައިސާ ދޭން އެބަ ޖެހޭ އަޅުގަނޑުމެންނަށް. އެގޮތުން 8 މިލިއަނަށް ވުރެއް ގިނަ ފައިސާ އެބައުޅޭ ސަރުކާރުން އަޅުގަނޑުމެންނަށް ދައްކަން ޖެހޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ޕީޕީއެމްއިން ކުރި ދަތުރުތަކަށް މޯލްޑިވިއަންއަށް 4.8 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.  އޭގެ ތެރެއިން 1 މިލިއަން ރުފިޔާ ޕީޕީއެމްއިން މޯލްޑިވިއަން އަށް ދައްކާފައިވާއިރު. ބާކީ ހުރި 3.8 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވިއަން އިން ވަނީ އެތައް މަސައްކަތެއް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ