އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ރާއްޖޭގެ ފުރަތަމަ އަދި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތެއް މިއަދު ހެނދުނު ބާއްވައިފި އެވެ. 
އެމްޑީޕީއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ދިދަ ނެގުމާ އެކު ކޭކު ފެޅުމުގެ ރަސްމިއްޔާތެއް ބޭއްވީ ޗާންދަނީ މަގުގައި ހުންނަ އެ ޕާޓީގެ މައި ހަރުގޭގަ އެވެ. އެ ރަސްމިއްޔާތުގައި ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އާންމު މެމްބަރުން ވެސް ދިޔަ އެވެ. 
އެ ރަސްމިއްޔާތަށް ފަހު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ ހަމައެކަނި ކޭކެއް ފަޅައިގެން ޕާޓީގެ އަހަރީ ދުވަސް ފާހަގަކޮށް ނިންމާލަނީ ނޫން ކަމަށާއި އަހަރީ ދުވަހުގެ ހަރަކާތްތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. 
ވަހީދު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން އެކި ރަށްރަށުގައި ވެސް މިއަދު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. 
"މި މުނާސަބަތުގައި ޕާޓީގެ ހުރިހާ މެމްބަރުންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަން. އަޅުގަނޑުމެންނާ އެކު އުފެދުނު ގިނަ ޕާޓީތައް މިހާރު އުވިގެން ވެސް ގޮސްފި، އަޅުގަނޑުމެން 21 އަހަރު ވަންދެން ރާއްޖޭގެ އެންމެ ދުވަސްވީ ޕާޓީގެ ގޮތުގައި މި ޕާޓީ މިހާ ހިސާބަށް މި ގެނެވުނީ ޕާޓީގެ އާންމު މެމްބަރުންގެ ބުރަ މަސައްކަތާއި ހިތްވަރުން،" އޭނާ ވިދާޅުވި އެވެ. 
އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން، އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ ފަރާތުން މިރޭ ހަރުގޭގައި "ބޮނޑިބަތް" ކެއުމެއް ބާއްވަން ވެސް ވަނީ ހަމަޖައްސައިފަ އެވެ. 
އެމްޑީޕީއަށް 21 އަހަރު ފުރުނުއިރު، އެ ޕާޓީގެ އާ ޗެއާޕަސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މި މަހު ވަނީ އިންތިހާބުކޮށްފަ އެވެ. 
ޗެއާޕާސަން ކަމަށް ވާދަކުރެއްވިއިރު ނަޝީދު ވައުދުވި ގޮތަށް "ބޮޑު ބަދަލު"ގެ ނަމުގައި ހާއްސަ އޮފީހެއް ވެސް މިހާރު ވަނީ އެމްޑީޕީގެ އެތެރޭގައި އުފައްދައިފަ އެވެ. އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލަކީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފެވެ.
"ބޮޑު ބަދަލު އޮފީހުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވެގެންދާނީ [ރާއްޖެއަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ] މަޝްވަރާތައް ހިންގުން، ވޯކްޝޮޕްތައް ހިންގުން، ސެމިނާތައް ހިންގުން، އަދި ކަމާގުޅޭ ޖަލްސާތައް ވެސް ހިންގުން،" ނަޝީދު ވިދާޅުވެފައިވެ އެވެ.
The most trusted news source in the Maldives
އެމްޑީޕީގެ ޗެއާޕާސަން ކަމަށް އެމަނިކުފާނު ވާދަކުރެއްވީ އެމްޑީޕީން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒު ނެރެން ތާއީދުކުރައްވައި ދެ ބޭފުޅުން އެއްބަސްވެވަޑައިގަންނަވާ މެނިފެސްޓޯއަކާ އެކުގަ އެވެ. އެ މެނިފެސްޓޯގައި އޮތް އެެއް ކަމަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމުގެ ގިނަ ސިފަތަކެއް އެކުލެވޭ މަސްހުނި ނިޒާމަކަށް ބަދަލުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ