ދިނަފް-48: އިންވެސްޓްކުރުމަށް އިތުބާރުކުރެވޭ ފުރުޞަތެއް

އިންވެސްޓްމެންޓެއް ކުރާ އިރު އެންމެ ބޮޑު ކަންބޮޑުވުމަކީ އެންމެ ފައިދާ ވާނެ، ހިރާސް ކުޑަ އިންވެސްޓެއް ދެނެގަތުމެވެ. އިންވެސްޓް ކުރަންވީ ދާއިރާ އާއި އެ އިންވެސްޓްމެންޓްގެ ރަނގަޅު ފާލު ދެނެގަތުމަކީ ހިސާބުކުރަން ގިނަ ފަހަރު އުނދަަގޫކަމެކެވެ. އެއީ ވިޔަފާރިވެރިންނާއި، ކުންފުނިތަކާއި، އަމިއްލަ ފަރުދުންނަށް ބެލިޔަސް ކަން ހިނގާ ގޮތެވެ. ހަމައެހެންމެ ވިޔަފާރި އެއް ފުޅާކުރުމަށް، ޚާއްސަކޮށް އަލަށް ފަށާ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ހޯދުމަކީ ވެސް މިފަދަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމެކެވެ.
ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު، ދިނަފް ވެގެން ގޮސްފައި މި ވަނީ މިފަދަ މައްސަލަތަކުގެ ހައްލަކަށެވެ. އަަލަށް އިންވެސްޓް ކުރާ ފަރާތްތަކާއި، އިންވެސްޓްކުރުމުގައި ތަޖުރިބާ ހުރި ފަރާތްތަކަށް ވެސް ދިނަފްގެ ޓްރާންޗްގައި އިންވެސްޓްކުރުމަކީ، އިތުބާރާއި ޔަޤީންކަމާއެކު އިންވެސްޓްމެންޓްގެ ނަފާ ލިބޭކަން ޔަޤީންކުރެވޭނެ މަގެކެވެ. މިއީ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ފަސޭހަކަމާއެކު ހޯދުމުގެ އިތުރުން އިންވެސްޓް ކުރާ ފައިސާގެ އެންމެ ފުރިހަމަ ބޭނުންކުރުމަށް ލިބޭ ފުރުސަތެކެވެ.
ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު، ދިނަފް އަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީގެ ލައިސަންސްއާއެކު ހިންގަމުންދާ، ރާއްޖޭގެ ފުރަތަމަ ކުރު މުއްދަތުގެ އިންވެސްޓްމަންޓް ފަންޑެވެ. މިއީ އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިންވެސްޓްކުރާނެ ތަފާތު މާލީ ފުރުސަތުތައް ލިބޭ ފަދަ އިންތިޒާމުތަކާއެކު އެކުލަވާލާފައިވާ ފަންޑެކެވެ.
ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް، ޑީއައިޕީއިން ބަލަހައްޓާ މި ފަންޑަށް މިހާބޮޑު ޔަޤީންކަމެއް ލިބެނީ ދިނަފްގެ ކާމިޔާބު ތާރީޚުގެ ސަބަބުންނެވެ. 6 މަހާއި 3 އަހަރާ ދެމެދުގެ މުއްދަތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލައިގެން އުފެއްދި ދިނަފްގެ ފުރަތަމަ ސީރީޒް، 'ދިނަފް-36' ނިންމާލީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއަކާއެކުގައެވެ.
މި ފަންޑު މެދުވެރިކޮށް އިންވެސްޓްކޮށްފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތާއި، އިމާރާތްކުރުމުގެ ސިނާއަތާއި، ޓްރޭޑް ފައިނޭންސް ދާއިރާއަށެވެ. އެހެންކަމަށް ވާއިރު، ދިނަފް-36 ނިންމާލާފައި ވަނީ އެއްވެސް ޑިފޯލްޓަކާ ނުލާ، ކަނޑައަޅާފައިވާ ސުންގަޑިތަކަށް އިންވެސްޓަރުންނަށް ނަފާ ހޯދައިދިނުމާއި އެކުގައެވެ. ދިނަފް-36 އަށް ކަނޑައެޅި 20 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ހަމަކުރަން ނެގީ 8 މަސް ދުވަހެވެ.
ފުރަތަމަ އެކުލަވާލި، ދިނަފް-36ގެ ކާމިޔާބަށް ފަހު 'ދިނަފް-48'ގެ ނަމުގައި ދެ ވަނަ ސީރީޒްއެއް ލޯންކުރީ ނިމުނު ހަފުތާގެ ތެރޭގައެވެ. 40 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް ފުރުސަތުތަކާއެކު ހުޅުވާލި މި ޓްރާންޗުގައި އިންވެސްޓުކުރަން ލިބޭ މުއްދަތަކީ 6 މަހާއި 4 އަހަރާ ދެމެދުގެ މުއްދަތެކެވެ. މި ޓްރާންޗްގައި ވެސް އިންވެސްޓްކުރާނީ ކުރިން އިންވެސްޓް ކުރި ދާއިރާތަކަށެވެ.
'ދިނަފް-48'ގައި އިންވެސްޓްކޮށްގެން، ރާއްޖޭގެ މާލީ ބާޒާރުން އާންމުކޮށް ލިބެންހުރި ރޭޓްތަކަށް ވުރެ ރަނގަޅު މާލީ ބަދަލެއް ލިބޭ ގޮތަށް، އިންވެސްޓަރުންނަށް އިންވެސްޓުމަންޓުތައް ސިންދަފާތުކުރުމަށް މި ޕްލޭންގެ ތެރެއިން ވަނީ މަގުފަހިކޮށްދީފައެވެ. ވަކިވަކި ފަރުދުންނާއި ކުންފުނިތަކަށް ވެސް ބައިވެރިވެވޭ މި ފަންޑު މެދުވެރިކޮށް، އިންވެސްޓަރުންނަށް ވާދަވެރި ފައިދާއެއް ހޯދައިދިނުމާއި ރާއްޖޭގެ ޕްރައިވެޓް ކެޕިޓަލް މާކެޓް ފުޅާކުރުމަކީ މި ފަންޑުގެ މުހިންމު މަޤްސަދެކެވެ.
50,000 ދިވެހި ރުފިޔާ އަށް ވުރެ މަދު ނޫން އަދަދެއް އިންވެޓްކުރަން ފުރުސަތު ހުޅުވާލާފައިވާ މި ޓްރާންޗްގައި ކުންފުނިތަކާއި ވަކިވަކި ފަރުދުންނަށް ބައިވެރިވެވެއެވެ. އިންވެސްޓްކުރުމުގެ ޝަރުތުތަކަށް ބަލާ ނަމަ ކުންފުންޏެއް ނަމަ 5 މިލިޔަން އަދި އަމިއްލަ ފަރުދެއް ނަމަ އަހަރެއްގެ މައްޗަށް 1 މިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބެންޖެހެއެވެ.
މިފަދަ ކާމިޔާބު މަސައްކަތެއް ރާއްޖޭގައި ރުކުރުވާލުމުން އެނގެނީ އިންވެސްޓްމެންޓާއި ޓްރޭޑްގެ ސިނާއަތަކީ ރާއްޖޭގައި ކުރިމަގު އޮތް ދައިރާއެއްކަމެވެ. މިކަން ދިނަފް-48 ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ތެރޭގައި ހުރި ހަރުމުދަލަށް ފަންޑުކުރުމުގެ ޑިމާންޑް އޮތް ނަމަވެސް ޓްރޭޑްކުރުމުގެ ސިނާއަތް ރާއްޖޭގައި ކުރިއަރަމުން ނުދާތީ އެކަމާއި މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
"ޓްރޭޑް ސެކްޓަރ އޭގެ ޒާތުގައި ކުރިއަރައިގެނެއް ނުދޭ. އެއަށް ވުރެ ބޮޑަށް ފަތުރުވެރިކަމަށް ވާގިވެރިވާ ސިނާއަތެއްގެ ގޮތުގައި އޮތީ" ސައީދު ވިދާޅުވިއެވެ.
ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް ފަހި ފުރުސަތުތަކެއް ލިބުމަކީ ރާއްޖޭގެ މުޅި އިޤަތިޞާދަށް ކުރިއެރުން ގެނެސްދޭނެ ކަމެކެވެ. މާލީ ދާއިރާގައި މިހާރަށް ވުރެ އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކޮށް، އެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ދުރު ރާސްތާ އަށް ވިސްނައިގެން މަސައްކަތްކޮށްފި ނަމަ މި ދާއިރާގެ ވާދަވެރިކަން އިތުރުވެ، އިންވެސްޓްމަންޓުގެ ސައިޒު ފުޅާވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ