ގާނޫނީ އުސޫލުތަކަށް ނުބެލި ނިމިފައި ހުރި މައްސަލަތައް އަލުން ބަލައި ރިވިއު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ދިނުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ގޮވާލައިފި އެވެ.
އަހްމަދު ފާއިޒު ހުސައިން މިހެން ވިދާޅުވީ އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގަ އެވެ.
އަހްމަދު ފާއިޒު ހުސައިން އިތުރަށް ވިދާޅުވީ ބައެއް މަރުގެ މައްސަލަތައް ވެސް ހިމެނޭ ގޮތަށް އަލުން ދިރާސާކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބޭ ގޮތަށް ކޯޓު ތަކާ ބެހޭ ގާނޫނު އިސްލާހުކުރަންޖެހޭ ކަމަށެވެ.
ގާނޫނީ އުސޫލުތަކަށް ނުބެލި ނިމިފައި ހުރި މައްސަލަތައް އަލުން ބަލައި ރިވިއު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ދާންޖެހޭނެ ކަމަށް ފާއިޒު ވިދާޅުވެފައިވާ ވަކި ސަބަބެއް އެމަނިކުފާނު ވިދާޅުވެ ދެއްވާފައެއް ނުވެ އެވެ.
އެކަމަކު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމުގެ މައްސަލާގައި ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުން އަލުން މުރާޖައާކޮށްދިނުމަށް މި ދެ ބޭފުޅުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފަ އެވެ.
ކޯޓު ތަކުގެ ގާނޫނުގައި ސުޕްރީމް ކޯޓުން ކުރާ ހުކުމްތައް އެ ކޯޓަށް އަލުން ދިރާސާކޮށް ގޮތެއް ނިންމިދާނެ ކަމަށް ބުނެފައެއް ނުވެ އެެވެ. ނަމަވެސް ގާނޫނު އަސާސީގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމްތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެ ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުއްވި އަމުރުގެ ބައެއް ބާތިލްކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި މިދިޔަ ޖުލައި މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެ ކޯޓުގެ ނިންމުންތައް އަލުން ބަލައި، މުރާޖައާ ކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ސުޕްރީމް ކޯޓަށް ފެނިއްޖެނަމަ އެފަދަ މައްސަލަތައް އަލުން ބަލައި މުރާޖައާ ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ.
ހުކުމްތައް މުރާޖައާ ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ދޭން ޖެހޭ: ފާއިޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ