މަސައްކަތް މިކުރަނީ އަމިއްލަ އެދުމުން ޖީބު ފުރާކަށް ނޫން: ގާސިމް

މަސައްކަތް ކުރަނީ އަމިއްލަ އެދުމުން ޖީބު ފުރަން ނޫން ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ރައްޔިތުން މަޖިލީހުގެ ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ އަބަދުވެސް ނިކުންނަނީ ނާއިންސާފު ލިބި އަނިޔާވެރިވަމުންދާތީ އެކަމުގެ ޖިހާދުގައި ކަމަށާއި އޭނާ އަށާއި އޭނާގެ މުދަލަށާއި އަދި އަނބިދަރީންނަށް ކޮންމެ ގެއްލުމެއް ދިން ނަމަވެސް ގައުމަށްޓަކާ މަސައްކަތް ކުރާނެ ކަމަށެވެ.
"އެކަމަށްޓަކާ އަޅުގަނޑު ނިކުންނަނީ. އަމިއްލަ އެދުމުން ޖީބު ފުރާކަށެއް ނޫން އިނގޭތޯ. އެހެންވީމަ އަޅުގަނޑު އިންނަ މަޖިލީހުގެ ޖަލްސާއެއްގައި ގާނޫނު އަސާސީއާ ހިލާފަށް މީހުންނަށް އަނިޔާވެރިވަމުންދަންޏާ އަޅުގަނޑު އަޑު އުފުލާނަން" ގާސިމް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުގައި ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިގެންދިޔަކަމަށާއި ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ މެދު ވެސް ކަންތައްތައް ކުރަންވާނީ އިންސާފުން އަދި އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. ނަމަވެސް ކެމްޕެއިން ތެރޭގައި ރައްޔިތުން ކައިރީ ދެއްކި ވާހަކަތަކާއި ވެފައިވަ އަހުދުތަކުގެ މަތިން މިއަދު ބައެއް ފަރާތްތަށް ހަނދާން ނެތިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިގެންދިޔަ މިދިޔަ ސަރުކާރުން. އެހެން ނަމަވެސް އަޅުގަނޑު މިދަންނަވަނީ އަބުދުﷲ ޔާމީންގެ މައްޗަށްވެސް އިންސާފުގެ އަށް ދާންވާނީ މާތްﷲ އަންގަވާފައިވާ ގޮތަށް. ﷲ އަންގަވާފައިިވަނީ އިހުސާންތެރިވުމަށް. އެއީ ތަހްގީގީ މަރުހަލާއަށް ވިޔަސް، ޝަރުއީ މަރުހަލާގައި ކަމުގައި ވިޔަސް، އެއީ އަބުދުﷲ ޔާމީނަށް ވިކިގެން އަޅުގަނޑު އުޅޭތީކީއެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން ގާސިމް ވަނީ މިރޭ ކާނަލް ނާޒިމަށް ވޯޓް ދިނުމަށް ގޮވާނުލާނެ ކަމަށާއި އެކަން ކުރައްވާނީ ޖުމްހޫރީ ޕާޓީިގެ ކައުންސިލުން ނާޒިމަށް ޓިކެޓް ދެއްވުމުން ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ