ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުން ހަދާފައިވާ ކޯލިޝަން އެއްބަސްވުން ހާމަކުރެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ގޮވާލައްވައިފި އެވެ.
އދގެ ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ ހާއްސަ މަންދޫބުގެ މަގާމުގައި މިވަގުތު ހުންނެވި ޑރ. ޝަހީދު މިކަމަށް ގޮވާލެއްވީ އޭނާ އިއްޔެގެ ވަގުތެއްގައި ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
ޑރ. ޝަހީދު ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހް މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމުގެ ކުރިން ކޯލިޝަންގެ ވެރިން ހަދާފަައިވާ "ޑީލްތައް" ހާމަކުރައްވަންޖެހޭނެ ކަމަށެވެ. އަދި އެގޮތަށް އަމަލުނުކުރައްވައިފިނަމަ ކޯލިޝަންގެ އެއްވެސް ވެރިޔަކަށް އިތުބާރު ނުކުރެއްވޭނެ ކަމަށްވެސް ޑރ. ޝަހީދު ވަނީ ވިދާޅުވެފަ އެވެ.
ޑރ. ޝަހީދުގެ މި ހުށަހެޅުމަށް ތާއީދުކޮށް ބައެއް އާންމުން ވެސް ވަނީ މި އެއްބަސްވުން ހާމަކުރުމަށް ގޮވާލާފަ އެވެ.
ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުން ހަދާފައިވާ ކޯލިޝަން އެއްބަސްވުމަށް މަޖިލީހުގެ ތެރެއިން ގާނޫނީ އިތުރު ބާރުތަކެއް ދޭނެ ކަމުގެ އިޝާރާތެއް ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ދެއްވާފަ އެވެ.
ކޯލިޝަން އެއްބަސްވުން ހާމަކުރުމަށް ޑރ. ޝަހީދު ގޮވާލެއްވި ނަމަވެސް އެކަން ކުރަންޖެހޭ ވަކި ސަބަބެއް ނުވަތަ އެކަމަށް ގޮވާލެއްވި ވަކި ސަބަބެއް ވެސް އޭނާ ހާމަކުރައްވާފަ އެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް މީގެކުރިން އިލެކްޝަންސް ކޮމިޝަނުން ބުނަމުން ދިޔަ 12 މެންބަރުންނަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް ހަތަރު ލީޑަރުން އެއްބަސްވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވަނީ ވިދާޅުވެފަ އެވެ. ރައީސް މައުމޫން މިހެން ވިދާުޅުވުމުން ބައެއް އާންމުން ވަނީ އެކަމަށް ދެކޮޅު ހަދާ އަދި ލީޑަރުން އެއްބަސްވެފައި ހުރި ކަންކަން ހާމަކުރުމަށް ގޮވާލާފަ އެވެ.
ކޯލިޝަން އެއްބަސްވުން ހާމަކުރެއްވުމަށް ޑރ. ޝަހީދު ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ